އަޟްހާ އީދުގެ ހުރިހާ ހަރަކާތްތަކެއްވެސް ސަރުކާރުން ކުރިއަށްގެންދާނީ އިސްލާމީ ރިވެތި އާދަކާދަތަކުގެ ތެެރެއިން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް މިހެން ވިދާޅުވީ މިފަހަރުގެ ޢީދު ކުޅިވަރުތައް ސަރުކާރުން ކުރިއަށްގެންދާ އެއް ރަށްކަމަށްވާ ދ.ކުޑަހުވަދޫއަށް ވަޑައިގެން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުންނެެވެ.
މި އަހަރު ސަރުކާރުން ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރުމަށް 3 ރަށެއް ވަނީ ކަނޑައަޅާފައެވެ. އެއީ ގއ. ވިލިގިލި، ރ. އުނގޫފާރު އަދި ދ. ކުޑަހުވަދޫއެވެ.
ކުޑަހުވަދޫއަށް ވަޑައިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އީދު ފާހަގަކުރުމަށް 3 ރަށް ކަނޑައަޅާފައިވާއިރު އީދު ފާހަގަކުރުމަށް ކަނޑައެޅި 3 ރަށަކީ މުޅިރާއްޖެއަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި 3 ރަށްކަމަށެވެ. އަދި އެ ރަށްތަކުގައި ކުރިއަށްގެންދާ ހުރިހާ ޕްރޮގްރާމްތަކެއް ކުރިއަށްދާނީވެސް އިސްލާމީ ރިވެތި އާދަކާދަތަކުގެ ތެެރެއިންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ރަށްތަކުގައި އީދަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ފުރިހަމައަށް ވަމުން އަންނަކަމަށެވެ. އެގޮތުން މި ކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮތްކަމަށާއި، އަދި ވަރަށް ގިނަ ހަރަކާތްތަކެއްވެސް އެ ރަށްރަށުގައި ބޭއްވުމަށް ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިންމު ކަމަކީ މި ތިން ރަށުގައިވެސް ރައްޔިތުންގެ ވަރަށް ބޮޑު އިސްނެގުމެއް އޮވެގެން ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދާކަން. މި ހަރަކާތްތައް ކުރިއަށްދާއިރު ވަރަށް ގިނަ ފަރާތްތަކެއް މި ރަށްރަށަށް ޒިޔާރަތް ކުރަމުންދާނެ" ވަޒީރު ވިދާޅުވިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރައިން ވިދާޅުވީ އީދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއް ދޭނީ ސަގާފީ ގޮތުން ކުޅޭ ކުޅިވަރުތަކަށް ކަމަށެވެ. އެގޮތުން ބޮޑުމަސް ނެރުމާއި ބޮޑުބެރު ޖެހުމާއި، ތާރަ ޖެހުމުގެ އިތުރުން ލަނގިރި ޖެހުންވެސް އޭގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ކޯޑި ކެނޑުމާއި ވެދުމާއި ދިޔުމާއި ކުރުފަލި ޖެހުމާއި ބަނޑިޔާ ޖެހުން ފަދަ ހަރަކާތްތައްވެސް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.