ސަރުކާރުން ގައުމީ ފެންވަރުގައި އަޟްހާ އީދު ފާޙަގަކުރުމަށް ކަނޑައަޅާފައިވާ 3 ރަށުގެ ތެރެއިން އެއް ރަށަކީ ދ. ކުޑަހުވަދޫ އެވެ. އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ކުޑަހުވަދޫގައި ވަރަށް ފޯރީގައި ދަނީ ކުރަމުންނެވެ.
އީދު ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 3 ރަށަކީ ރ. އުނގޫފާރު، ގއ. ވިލިގިލި، އަދި ދ. ކުޑަހުވަދޫއެވެ. މި ރައްތަކުގައި އީދު ފާޙަގަކުރުމުގެ އެންމެހާ އިންތިޒާމްތައް ކުރިއަތް ގެންދަމީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެއެވެ. އެގޮތުން 3 ރަށަށްވެސް އެ ވުޒާރާގެ ޓީމުތައް ޒިޔާރައްކޮށް ހަރަކާތްތައް ހިނގަމުންދާގޮތް ދަނީ ބަލަމުންނެވެ.
ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ ރަށްތަކުގެ އިންތިޒާމްތަކާއި ގުޅޭ ގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ މިފަހަރު އީދު ފާހަގަކުރާ ރަށްތަކުގައި ކުރިއަތް ގެންދާ ހަރަކާތްތައްކަށް ތައްޔާރުވުމުގެ ކަންކަން ކައުންސިލްތަކާއި ގުޅިގެން ފޯރީގައި ކުރިއަށްދާކަމަށެވެ. އާތިކާ ވިދާޅުވީ މީއީ ޤައުމީ ފެންވަރުގައި ކުރާ މަސައްކަތަކަށް ވުމުން ހަރާކާތްތައް އެވުޒާރާގެ ފަރާތުން ގާތުން ބަލަމުން ދާކަމަށެވެ.
"މި ކަމަކީ ގައުމީ ފެންވަރުގެ ކަމެއް. އެހެންވީމައި އަޅުގަނޑުމެންގެ ޓީމުތަކުން ވަރަށް ރަނގަޅަށް ބަލަމުންދާނެ ހަރަކާތްތައް" އާތިކާ ވިދާޅުވިއެވެ.
އީދުގައި އެންމެ މުހިންމު އިސްކަމެއްދޭނެ ހަރަކާތްތަކަކީ ސަގާފީ ގޮތުން ކުރިއަތް ދާ ހަރަކާތައްތަކަށް ކަމަށެވެ. މީގެ އިތުރުން ކުޅިވަރު ކުޅޭއިރު އިސްލާމީ ހުދޫދުގެ ތެރެއިން ކަންކަން ކުރުމަކީ އެވުޒާރާގެ ވަރަށް ބޮޑު އެދުމެއްކަމަށް އާތިކާ ވިދާޅުވިއެވެ.
ކުޑަހުވަދޫގެ އީދުގެ ހަރަކާތްތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލް މެމްބަރ އައިޝަތު ނަޝީދާ ވިދާޅުވީ އީދަށް ކައުންސިލުން ވަނީ ވަރަށް ފުރިހަމަޔަށް ތައްތާރުވެފައި ކަމަށެވެ. އެގޮތުން ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަތް ދާނީ ސަގާފީ ހަރަކާތައްކަމަށާއި، އީދުގެ ފުރަތަމަ ދުވަހު ބޮޑު ޖަމާއަތުގައި ކުރާ އީދުނަމާދަށްފަހު ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ޚާއްސަ ދުޢާއެއްކުރުން އޮންނާނެކަމަށެވެ. އޭގެ އިތުރުން އީދު ސަޔާއި އުޟްހިޔާ ކަތިލުމާއި ދަފިނެގުން އަދި ހަވީރު ކުޑަކުދިންގެ ހަވީރަކާއި ރޭގަނޑު ހަވާއެރުވުމާއި ލަނގިރި ޖެހުމާއި ބޮޑުބެރުޖެހުން އޮންނާނެކަމަށް ކައުންސުލުން ވިދާޅުވިއެވެ.
އީދުގެ ދެވަނަ ދުވަހު ވާދެމުމާއި ރަށަށް އަންނަ މެހެމާނުން ހިމެނޭގޮތައް ބޮޑު ޖާފަތެއްގެ އިތުރުން ފުޓްބޯޅަ މެޗަކާއި ދިއްގަރު ލަނގިރިޔާއި ބޮޑުބެރުގެ ޖެހުން އޮންނާނެކަން ކައުންސިލުން ފާހަގަކުރިއެވެ. މީގެ އިތުރުން 3 ވަނަ ދުވަހު އިސްރައްވެހިންގެ ހެނދުނަކާއި މަސްހުނި ރޭހަކާއި މަސް ރޭހެއްގެ އިތުރުން ކުޑަހުވަދޫ ފަލަސްޠީނާއެކު ހިނގާލުމަކާއި ބޮޑުމަސް ނެރުން އޮންނާނެކަމަށް ކައުންސިލުން މަޢުލޫމާތުދެއްވިއެވެ.
މި ހަރަކާތްތައް ބައްލަވާލެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިއައާއި ބެހޭ ވަޒީރު އަދަމް ނަސީރު އިބްރާހިމް ދ. ކުޑަހުވަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.