ޚަބަރު

ޢަމީރުލް ޙައްޖު ޑރ. ޝަފީޢު ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައިފި


  • ޙައްޖު ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވި

  • މިބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވި

މިއަހަރުގެ އަމީރުލް ޙައްޖު، ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ދިވެހި ޙައްޖުވެރިން ތިބޭ އަލްބަަލަދް އަލްޠައްޔިބު އަޖިއަލް ހޮޓެލްގައެވެ. މިބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާ ޢަމީރުލް ޙައްޖު ޑރ.އިސްމާޢީލް ޝަފީޢު ވަނީ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިއަހަރު ރާއްޖެއިން 1100އަށް ވުރެ ގިނަ ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އައިސްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިއީ ފަހުގެ ތާރީޚެއްގައި ގިނަ ދިވެހިން ޙައްޖަށް އައިސްފައިވާ އަހަރުކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ މާތްވެގެންވާ މައްކާއަށް އާދެވިފައި. ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. ޙައްޖުގެ އަޅުކަމުގައި ފަސޭހައިން ކަންތައްތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ އަޅުގަނޑުމެންގެ މަސައްކަތް." ޢަމީރުލްޙައްޖު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައިވަނީ އެތައް މިލިޔަން މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާއިރު ދިމާވާ ކަންކަމަށް ކެތްތެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޙައްޖުގެ އަޅުކަން ނިންމާލަންވާނީ ކެތްތެރިކަމާއި ހިތްހެޔޮކަމާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ. ޙައްޖުވެރިންގެ ތެރެއިން ބަލި މީހުންނާއި ފުރޮޅުލީ ގޮނޑީގައި ތިބި ޙައްޖުވެރިން އަރަފާތު ބިމަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

" އަޅުގަނޑަށް މަޢުލޫމާތު ލިބޭ 100 އަށް ވުރެ ގިނަ ބޭފުޅުން ވީލްޗެއަރގައި އުޅުއްވާކަމަށް. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން އެބަތިބި. އަރަފާތުގެ ބިމަށް ހުރިހާ މީހުން ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ހުރިހާ އެންމެން އަރަފާތު ބިމަށް ވެއްދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ހައްޖު ކޯޕަރޭޝަނުން ކުރާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް ލިބޭ ރަސްމީ 1000 ކޯޓާގެ އިތުރަށް 150 ކޯޓާ ލިބުނެވެ. މިއާއެކު ރާއްޖެއިން ޖުމްލަ 1150 ޙައްޖުވެރިން މިހާރު ތިބީ މައްކާގައެވެ. އަދި ޙައްޖުގެ މަޝާއިރުތައް ފެށެން މަދު ދުވަސްކޮޅެއް އޮތް އިރު ޙައްޖަށް ތައްޔާރުވުމުގެ މަޢުލޫމާތުތައް ޙައްޖުވެރިންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މަޝާޢިރަށް ތައްޔާރުވުމަށް ކުރަންވީ ކަންތައްތަކާއި މަޝާޢިރުތަކުގައި ކުރަންވީ ކަންތައްތަކުގެ އިތުރުން ޞިއްޙީ ގޮތުން ސަމާލުކަންދޭންވީ ކަންކަން ޙައްޖުވެރިންނާ އަންނަނީ ހިއްސާކުރަމުންނެވެ.