ޚަބަރު

އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވައިފި


  • މި ކޮމިޓީގައި ހިމެނެނީ 10 މެންބަރުން

  • ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން

ޤައުމީ އެންޓި ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީ، ނުވަތަ އިންސާނުންގެ ވަގުފާރި ހުއްޓުވުމަށް މަސައްކަތް ކުރާ ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މިކޮމިޓީއަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ރިޔާސަތު ބަލަހައްޓަވާ ކޮމިޓީއެކެވެ. ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކަށް މެންބަރުން އަލިއަޅުއްވާލެއްވި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް މަސައްކަތް ކުރާ ސްޓިއަރިން ކޮމިޓީއަކީ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން

ކޮމިޓީގެ ރައީސް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލެއް
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރެއް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފެއް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އޮފިސަރެއް
ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފެއް
އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ މުވައްޒަފެއް
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ މުވައްޒަފެއް
އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މުވައްޒަފެއް
ސްޓިއަރިން ކޮމިޓީގެ މަސައްކަތްތަކާ ގުޅުންހުރި ޖަމްޢިއްޔާއެއްގެ މަންދޫބެއް

ރާއްޖޭގައި އިންސާނީ ވަގުފާރީގެ ކުށްތައް މަދުކުރުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަންޖެހޭ ކަންކަމުގެ މައްޗަށް އެކުލަވާލެވިފައިވާ ނޭޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ކުރިން އެ އެކްޝަން ޕްލޭނުގައި ހުރި މުހިންމު ކަންކަމަށް އިތުރަށް މަޝްވަރާކުރުމަށް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ދާޚިލީ ސަލަމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، އެކްޝަން ޕްލޭންގައި އިންސާނީ ވަގުފާރި ހުއްޓުވަން ކަމާ ބެހޭ އިދާރާތަކުގެ ފްރަންޓުލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ތަމުރީންކުރުމާއި އަހުލުވެރިކަމުގެ ޕްރޮގްރާމްތައް ބޭއްވުމާއި ޕްރޮސެކިއުޝަން މަރުހަލާ ވަރުގަދަކޮށް ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ކުށްތަކާ ގުޅޭ ގޮތުން މިހާރު ހެދިފައި ހުރި ގަވާއިދުތަކާއި އުސޫލުތައް އިތުރަށް ބަލައި، އިސްލާހުތައް ގެނައުމާއި އަނިޔާ ލިބޭ މީހުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި ކަމާ ބެހޭ އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ އެ މަސައްކަތް ކުރުން ހިމެނޭކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.