ޚަބަރު

ކުނި މެނޭޖްކުރުމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން މުހިންމު: ވަޒީރު ޠާރިޤު


  • ވޭސްޓް މެނޭޖްމަންޓް ކަންކަން ރައީސް ވަރަށް ގާތުން ބައްލަވާ

  • ކުނި މެނޭޖްކުރުމުގައި ވެމްކޯއާއެކު ރަށު ކައުންސިލުންވެސް މުހިންމު ދައުރެއް އަދާކުރަންޖެހޭ

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކ.މާފުށީގައި ވެމްކޯގެ އޮޕަރޭޝަންސް ފައްޓަވާދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މާފުށީގައި ކުނީގެ ޚިދުމަތް ފެށިގެން މިދިޔައީ ރަށުގެ ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިންކަމަށެވެ.

މާފުށްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިނގަމުންދާ ރަށަކަށްވުމާއެކު މިފަދަ ޚިދުމަތެއް ފެށިގެން ދިޔުމަކީ ރަށަށް އިތުރު ކުރިއެރުން އަންނާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުނި މެނޭޖް ކުރުމަކީ ވަރަށް ބުރަ ކަމެއްކަން ފާހަގަކުރައްވަމުން މިކަމުގައި ރަށު ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އެގޮތުން ފަރުދީ ޒިންމާ އަދާކޮށް ސާފު ރީތި ނަމޫނާ ރަށެއްގެ ގޮތުގައި ރަށް ބޭއްވުމަށް މަސައްކަތް ކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާ ނަމޫނާ ރަށަކަށް މާފުށިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އެމަސައްކަތް ކުރާއިރު އިންވެސްޓު ކުރައްވައިގެން ތިއްބެވި ހޮޓެލިއަރސް، އިންވެސްޓް ކުރާ ފަރާތްތަކުން މިކަމުގައި ވެމްކޯއާއެކު މަސައްކަތް ކުރައްވަން ޖެހޭ. މި މަސައްކަތުގެ ތެރޭގައި އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މާލީ ގޮތުންވެސް އެހީތެރި ވާން ޖެހޭނެ. މި ވޭސްޓް މެނޭޖްމަންޓް ނަމޫނާ ގޮތުގައި ހައްދަވަން ބޭނުންވާނަމަ މިކަންކަމަށް އެހީތެރިވުން މުހިންމު. ސަސްޓެއިނަބަލް މާފުށްޓަކަށް ވެގެން ދާނީ އޭރުން" މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. ކުނި މެނޭޖްކުރުމުގެ 5 އަހަރުގެ ޕްލޭންގައިވެސް ދެމެހެއްޓެނި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ދާއިރާތަކަށް އަލި އަޅުވާލާފައިވާނެ ކަމަށް ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޭސްޓް މެނޭޖް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވީ ދެމެހެއްޓެނި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ވެމްކޯއާ އެއްވަރަށް ރަށުގެ ކައުންސިލުންވެސް މުހިންމު ދައުރެއް އަދާކުރަންޖެހޭކަމަށެވެ. އެގޮތުން ގައުމީ ފެންވަރުގައި މިފަދަ މަަސައްކަތެއް ކުރާއިރު އެންމެ ބޮޑު އެއްބާރުލުމެއް ލިބޭނެ އެއް ފަރާތަށް ކައުންސިލް ވާން ޖެހޭނެކަމަށް މުޖުތަބާ ވިދާޅުވިއެވެ.

" ކައުންސިލުން އަޅުގަނޑުމެންނާއެކު އަތާއި އަތް ގުޅާލައިގެން އެބޭފުޅުންގެ ވިސްނުން ހުރި ގޮތަށް އަޅުގަނޑުމެންވެސް ދީލާލައިގެން މަސައްކަތްކޮށްފިނަމަ އަޅުގަނޑުމެންނަށް ފުރިހަމަ ކާމިޔާބެއް ލިބިގެން ދާނެ. މިރަށަކީ ފަތުރުވެރިން ގިނަ ސީޒަންތެރޭ ކުނި ގިނަވާ ރަށަކަށް ވުމާއެކު ކައުންސިލުން ބޭނުންވާ ޒާތަކަށް ބައްޓަން ކުރަންވޭ" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ. އެގޮތުން ވަސީލަތުގެ ގޮތުން ބެލިކަމުގައިވިޔަސް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މުޖުތަބާ ވިދާޅުވީ މާފުށީގައި ފެށިގެން މިދިޔަ ޚިދުމަތުގައި މާލޭން ކުނި ނަގާ ގޮތަށް ގެތަކުންވެސް ކުނި ނަގަމުންދާނެކަމަށެވެ. އެގޮތުން އެއްކުރާ ކުނި މާފުށިން ތިލަފުށްޓަށް ގެންދެވޭނެކަމަށް މުޖުތަބާ ވިދާޅުވިއެވެ.