ޚަބަރު

އިޖުތިމާއީ ޚިދުމަތުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންނަށް، ޕީޖީ އޮފީހުން ނިއުސްލެޓަރއެއް


  • މިއީ ޕީޖީ އޮފީހުން ނެރެން ފެށި ދެވަނަ ނިއުސްލެޓަރ

  • ކޮންމެ މަހަކު އެއްފަހަރު ނިއުސްލެޓަރ ނެރޭނެ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާހުކޮށްފިއެވެ.

މިއީ ޕީޖީ އޮފީހުން ނެރެން ފެށި ދެވަނަ ނިއުސްލެޓަރއެވެ. "ނިޔާވެހި" ނިއުސްލެޓަރއަކީ އިޖުތިމާއީ ޚިދުމަތުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަށް އަމާޒުކޮށް ނެރެންފެށި ނިއުސްލެޓަރއެއް ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ވިކްޓިމް ސަޕޯޓަށް ޚާއްޞަކޮށް ނިއުސްލެޓަރއެއް ނެރެންފެށީ ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް، ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަގުޞަދުގައި ކަމަށެވެ. އެގޮތުން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކުން ކަނޑައެޅޭ އުޞޫލުތަކާއި، އެ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތައް ނިއުސްލެޓަރގައި ޝާއިއުކުރާނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

"ނިޔާވެހި" ނިއުސްލެޓަރ ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު އެއްފަހަރު ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ވިކްޓިމް ސަޕޯޓް ދާއިރާއަކީ، އިޖްތިމާއީ ޚިދުމަތްތެރިންގެ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ޤާނޫނީ ނިޒާމާ ގުޅޭ މަސައްކަތްކުރާ ފަންނީ ބޭފުޅުން ހިމެނޭ ދާއިރާއެކެވެ. އެ ބޭފުޅުން، ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއްދޭ ބަޔަކަށް ހަދަން ބޭނުންވާ ކަމަށާއި އެކަން ކުރުމަށްޓަކައި ދާއިރާއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެފައި އޮތުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ވިކްޓިމް ސަޕޯޓް ދާއިރާގެ ކަންކަމާބެހޭ މައުލޫމާތު ހިމެނޭ ރަސްމީ ނިއުސްލެޓަރއެއް ނުވަތަ އެނޫންވެސް ޕަބްލިކޭޝަނެއް ނެތުމަކީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އޮތް ހުސްކަމެއް ކަމަށާއި "ނިޔާވެހި" ނިއުސްލެޓަރއަކީ އެކަން ހައްލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުގެ އިސްނެންގެވުމަކަށް ކުރައްވާ މަސައްކަތެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މި ނިއުސްލެޓަރގައި ލިޔުމުގެ ފުރުޞަތު ވިކްޓިމް ސަޕޯޓް ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލާފައެވެ.