ކުޅިވަރު

ސުއަރޭޒްގެ ހެޓްރިކުން ބާސެލޯނާ ލީގު ކާމިޔާބުކޮށްފި


ފޯވާޑް ލުއިސް ސުއަރޭޒްގެ ހެޓްރިކުން ގްރެނާޑާގެ މައްޗަށް ކުރި ހޯދާ ބާސެލާނާއިން ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފިއެވެ. 

ލީގުގެ އެންމެ ފަހު މެޗުގައި ގްރެނާޑާގެ މައްޗަށް ބާސެލޯނާ ކުރި ހޯދީ 3-0 ނެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ތިން ގޯލްވެސް ޖަހައިދިނީ ލަލީގާ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ލުއިސް ސުއަރޭޒެވެ. 

މީ ނިމިގެންދިޔަ ހަތް ސީޒަންގައި ލަލީގާ ރަންބޫޓު މެސީ އަދި ރޮނާލްޑޯ ފިޔަވައި އެހެން ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. ސުއަރޭޒް މި ސިޒަންގެ ރަންބޫޓު ޔަގީންކުރީ ލީގުގައި އޭނާ ޖެހި 40 ގޯލާއިއެކުގައެވެ. 

ރޭ ރިއާލް މެޑްރިޑްވެސް ވަނީ އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށްފައެވެ. މި މެޗް ރިއާލް ކާމިޔާބުކުރީ ދިޕޯތިވޯ ލަކަރޫނާއާއި ވާދަކޮށް 2-0 ނެވެ. މެޗުގައި ރިއާލްގެ ދެ ލަނޑުވެސް ޖަހައިދިނީ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނަލްޑޯ މެޗުގައި ކުޅުނީ ފުރަތަމަ ހާފްގައެވެ. މި ނަތީޖާއާއެކު މިއަހަރު ލަލީގާ ރިއާލް މެޑްރިޑުން ނިންމާލީ ލީގުގެ ދެވަނާގައި އޮވެއެވެ. 

ތިންވަނާގައި އޮތީ ވާދަވެރި އެތްލެޓިކޯ މެޑްރިޑެވެ. އެތްލެޓިކޯ ރޭ އެޓީމް ކުޅުނު މެޗް ކާމިޔާބުކުރީ ސެލްތަ ވީގޯއާއި ވާދަކޮށް 2-0 ނެވެ. މެޗުގައި އެތްލެޓިކޯގެ ދެ ލަނޑު ޖަހައިދިނީ ފެނާންޑޯ ޓޮރޭޒް އަދި އެންޓޮއިން ގްރީޒްމަންއެވެ.