ޕާކިސްތާނާއި ތުރުކީއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ތުރުކީއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހަށް ފޮނުއްވާފައިވަނީ ލެފްޓިނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. ޢަބްދުއްރަޙީމް އެންމެފަހުން ހުންނެވީ ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ.
ޕާކިސްތާނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މުޙައްމަދު ޠާހާގެ ނަންފުޅެވެ. ޠާހާއަކީ ސައުދީ އަރަބިއްޔާގެ ސަފީރަކަށް މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ފަހުން ހުށަހަޅުއްވާފައިވަނީ އޭނާ ސައުދި އަރަބިއްޔާގެ ބަދަލުގައި ޕާކިސްތާނުގެ ސަފީރަކަށް ކަނޑައެޅުއްވުމަށެވެ.
މިދެބޭފުުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއަދު ކުރިއަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި ރިޔާސަތުން ވަނީ މިދެބޭފުޅުންގެ ނަން ދިރާސާ ކުރުމަށްޓަކައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ބޭރު ޤައުމުތަކަށް ރާއްޖޭން ސަފީރުން ކަނޑައެޅުމުގެ ކުރިން މަޖިލީހުން ރުހުން ހޯދަން ޖެހެއެވެ. މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންފުޅުތައް ދިރާސާކުރުމަށްފަހު އެ ބޭފުޅުންނަށް ރުހުން ދޭނީ މަޖިލިސް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.