ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ކަނޑައަޅާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ޖޭއެސްސީއަށް މެންބަރަކު އައްޔަން ކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން ހުށަހަޅާފައިވަނީ ރިޒާގެ ނަންފުޅު އެކަންޏެވެ. ރިޒާގެ ނަންފުޅު ޖޭއެސްސީގެ މެންބަރުކަމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު ކަނޑައަޅަންޖެހެއެވެ. އެގޮތުން، މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ޖޭއެސްސީއަށް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކު އިންނަވާނެއެވެ. އެހެންކަމުން މި ދައުރުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާއި މެންބަރު ރިޒާއެވެ.
ޖޭއެސްސީގައި އިތުރަށް ތިއްބަވާނީ އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރާ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރަކާއި ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު އަސްލަމް އަދި ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިނެވެ.