ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ އިންސާނީ ވާޖިބެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ދިފާއުގައި އެންމެން ތެދުވެ މަސައްކަތް ކުރުމަކީ އިންސާނީ ވާޖިބެއް ކަމަށާއި އެމީހުންގެ ރައްކާތެރިކަމަށްޓަކައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކެނޑިނޭޅި ހިންގަމުންދާ ލާ އިންސާނީ އަނިޔާތަކާ ގުޅިގެން އިސްރާއީލު މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ދިވެހި ސަރުކާރުންވަނީ ނިންމަވާފައެވެ. އަދި އެ ކަމަށް ޚާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައްވާފައެވެ.
Defending the people of Gaza is a humanitarian duty. They endure a prolonged blockade and harsh living conditions. We must support them and affirm their basic human rights to a dignified life and safety. #Gaza #HumanRights
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 3, 2024
މީގެއިތުރުން ފަލަސްތީނުން އެދޭ ކަންކަމަށް ސްޕެޝަލް އެންވޯއީއެއް ކަނޑައެޅުމާއި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ނިންމަވާފައެވެ.
އަދި "ފަލަސްތީނާއެކު ދިވެހިން" ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމާއި ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.
ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,284އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 82,057އަށް އުފުލިފައެވެ. އދ.ން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމަށެވެ.