މާލެއިން ފުރައިގެން ށ.އަތޮޅަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދާ ކަމުގެ މަޢުލޫމާތު ލިބިގެން ކުޅުދުއްފުށީގައި ތިބޭ ސިފައިން އެސަރަހައްދަށް ދަތުރުކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަޑިއަށް ދަނީ އުޅިއަށި ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ.
މިބޯޓު އަޑިއަށްދާން މެދުވެރިވީ ބޯޓު ށ.ބިލެއްފަހި ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި ނެރުގެ ހުޅަނގު ފަރާތު ހިލަތަކުގައި ޖެހި ބޯޓު ފަޅައިގެން ގޮސްގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޅުދުއްފުށީގައި ތިބޭ ސިފައިން އެސަރަހައްދަށް ދަތުރުކުރަން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.