ފުރާވަރާއެކު ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމަކީ ރަނގަޅު ސިއްޙަތެއްގައި ކުދިން ތިބުމަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މެންސްޓުރަލް ހައިޖީން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މެންސްޓުރަލް ހައިޖީން ދުވަހަކީ މައްސަރު ކަންތަކާއި ހެދިބޮޑުވުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ފާހަގަކުރާ ދުވަހެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވީ އުމުރަށް އަންނަ ބަދަލުތަކާއި ފުރާވަރު އުމުރަށް އެޅުމާއެކު ޖިސްމާނީގޮތުންނާއި ބައޮލޮޖިކަލް ގޮތުން އަންހެން ކުދީންނާއި ފިރިހެން ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހެދިބޮޑުވުމާއި ޒުވާން އުމުރުފުރާގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އުމުރާ އެކަށީގެންވާގޮތަށް ލިބުމަކީ ފުރާވަރުގެ އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިވެގެންދާނެކަމެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މައްސަރު ކަންތައްތަކަކީ އަންހެނުންނަށް ތަބީޢީ ގޮތުން ދިމާވާ ކަމަކަށްވާއިރު ބެލެނިވެރީންނާއި ބަލަދުވެރީން އެ ކުދިންނަށް އެކަމުގެ ވާހަކަތައް އުމުރާ ގުޅޭގޮތުން ކިޔައިދިނުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ނޫންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވިދާޅުވިއެވެ.
"ބައެއްފަހަރު ދަރިން ބޮޑެތިވަމުން އަންނައިރު ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބުދީ އެވާހަކަތައް ދެއްކުމަށް ބެލެނިވެރިން ކަންބޮޑުވޭ. ޓީޗަރުންނާއި ކުދިންނަށް މަގުދެއްކުމަށް ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތައްވެސް ކަންބޮޑުވޭ. މިހެން ގިނަ ފަހަރަށް ވަނީ ކުދިންނާއި އޮންނަންޖެހޭ ގާތްކަން ނުވަތަ ރަހުމަތްތެރިކަން ނެތުމުން. ހުރިހާ ހާލަތެއްގައިވެސް ކުދިންނާއި ވާހަކަދައްކައި، އެ ކުދީންގެ މައުސޫމް އަދި ތުއްތު ޝަކުވާތަކާއި އިހުސާސްތަކުގެ އަޑުއަހާނެ މާހައުލެއް ގާއިމުވެފައި ނެތުމުން" ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވިދާޅުވީ ކުދިންގެ ގާތް އަދި އިތުބާރު ކުރެވޭ ބަޔަކަށް ބެލެނިވެރިން ވެއްޖެނަމަ އުމުރާ ގުޅޭގޮތުން އެ ކުދިންނަށް ސުވާލުތަކަށް ޖަވާބުދީ ކަންކަން އޮޅުންފިލުވައިދީ، ރަނގަޅު މަގު ދައްކައިދޭން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ސިއްހީގޮތުން ސަމާލުކަންދޭންވީ ކަންކަން ބުނެދީ ހަށިގަނޑުގެ ސާފުތާހިރުކަމަށްޓަކައި ސަމާލުކަންދޭންވީ ކަންކަން ކިޔައިދެވޭނެކަންވެސް ވިދާޅުވިއެވެ.
އިންސާނެއްގެ ސިއްޙަތަށް އެންމެ ބޭނުމީ ސާފުތާހިރުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވިދާޅުވީ ކެއުންބުއިމުގެ އާދަތަކާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އާދަތައް ހިފެހެއްޓުން މުހިންމުކަމަށެވެ. އަދި އަންހެން ކުދިން ފުރާވަރަށް އަރާއިރު ދިމާވާ މައްސަރު ކަންތަކުގެ ހާލަތުގައި ކެއުންބުއިމުގެ ރަނގަޅު އާދަތައް ހިފަހައްޓައި ހަރަކާތްތެރިކަމާއި ހިތްހަމަޖެހުމައި ސާފުތާހިރު ރީތި އާދަތަކަށް އަހުލުވެރިކުރުވަން ބެލެނިވެރިން އެއްބާރުލުން ދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.