ރާއްޖޭގެ އިދާރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާ ކުރުމަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ. މިއީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖެގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އާންމު ޚިދުމަތްތަކުގެ ސައިޓުތަކަށް ޒިޔާރަތްކުރެއްވުމަށްފަހު އެ މަސައްކަތަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ވިދާޅުވިކަމަށެވެ. އެހެންކަމުން، އެ ހުރިހާ ރަށެއްގައި އާންމު ޚިދުމަތް އެއް އުސޫލެއްގެ ދަށުން، ރައްޔިތުން ބަލައިގަންނަ ގޮތަށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ވުޒާރާގެ މެންޑޭޓާއި މަސައްކަތް ކުރަމުންދާ ތަންތަނުގެ ހާލަތާއި މިހާރު ހުރި ވަސީލަތްތަކާއެކު ތަރުތީބުކުރެވިގެން މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ އާންމު މަސައްކަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތެރޭގައި ފަށައިގަންނައިރު އަޅުގަނޑުމެން ވިސްނަންވީ ކަންކަމާއި، މިހާރު ގާއިމުކުރެވިފައި ހުރި ޔުނިޓުތައް އިތުރަށް ހިންގުން ހަރުދަނާކުރުމަށް އެތަންތަނުގައި މިހާރު ހުރި ގޮންޖެހުންތައް ދެނެގަތުމާއި ލާމަރުކަޒީ އުސޫލުން ކައުންސިލްތަކާ ގުޅިގެން މި ޚިދުމަތްތައް ދޭއިރު ވިސްނަން ޖެހޭ ކަންތައްތަކާއި ޔުނިޓުތައް ގާއިމުކުރާއިރު ބޭނުންވާ ވަސީލަތްތައް ދެނެގަތުން،" އިދާރީ ދާއިރާތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އާންމު ޚިދުމަތްތަކާ ބެހޭ ހަތް ޔުނިޓަކާއި ވުޒާރާ ހިމެނޭހެން 35 މީހުން ބައިވެރިވެއެވެ.