ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް ޚާއްޞަކޮށްގެން ކޮމިޓީއެއް އުފައްދަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އުފެއްދުމަށް ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީން ބޭނުންވި ނަމަވެސް ވިހިވަނަ މަޖިލިސް ފެށި ޖަލްސާގައި އެކަން ނުކުރެވުނީ ގެދޮރުވެރިކަމާބެހޭ އެކި ކަންކަމުގެ މެންޑޭޓް އޮތް ކޮމިޓީތައް މިހާރު ވެސް ހުރުމުން ކަމަށެވެ. ނަމަވެސް އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެއްދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އަންނަ ޖޫން މަސް ނިމޭއިރު އުފެއްދޭނެ ކަމަށެވެ. މި ކޮމިޓީއާއެކު ގެދޮރުވެރިކަމާ ގުޅިގެން މީގެ ކުރިން ދިމާވެފައިހުރި މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ގެދޮރުވެރިކަމާ ބެހޭ ހުރިހާ މައްސަލަތަކެއް އެ ކޮމިޓީއަށް ދިޔައިމަ، އެ ކޮމިޓީގެ ބޭފުޅުންނަށް އެކަންކަން ދިރާސާކޮށް، މިދިޔަތަނުގައި މި ދިމާވި މައްސަލަތައް، ގޯތި ދިނުމާއި ގޯތި ހަވާލުނުކުރުމާއި، ފްލެޓް ދިނުމުގައި އެއްބައި ބޭފުޅުން އެބަބުނޭ ބަހާލީއޭ. އަނެއްބައި ބޭފުޅުން އެބަބުނޭ ތިމަންނަމެންނަކީ ޙައްގުވެރިންނޭ. އެހެންވީމަ އެގޮތަށް ކޮމިޓީއަކާ މިކަހަލަ ހައްސާސް މައްސަލައެއް ހަވާލުކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި މިކަމަށް ދާއިމީ ހައްލެއް ލިބުމަށް އެޅޭނެ ވަރަށް ބޮޑު ބާރެއް،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
ގެދޮރުވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެކެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ޤާނޫނީ ގޮތުން ގެނެވެން ހުރި ބަދަލުތައް ގެނެސް. އައު ޤާނޫނުތައް އެކުލަވައިލުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.