ޚަބަރު

ޖަމިއްޔާތަކުގެ މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމާލައިފި


  • 60 އަށް ގިނަ ބައިވެރިން ވަނީ މަހާސިންތާ ފުރިހަމަކޮށްފަ

މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުމުގެ ގޮތުން ޒުވާނުން ބާރުވެރިކުރުވުމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ޖަމިއްޔާތަތުގެ މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ޖަމިއްޔާތަކުގެ މަހާސިންތާއަކީ މަދަނީ ޖަމިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ ހަރުދަނާ މަދަނީ މުޖްތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަތް ގެންދިޔަ މަހާސިންތާއެކެވެ.

60 އަށްވުރެ ގިނަ ބައިވެރިންނާއެކު މި މަހުގެ 25 އިން 27 އަށް ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީގައި ކުރިއަތް ގެންދިޔަ މި މަހާސިންތާ ނިމުން ފާހަގަކުރުމާއި ބައިވެރިންނަށް ހަދާނީ ފިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޗަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ.

މަހާސިންތާ ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަދަނީ ޖަމުޢިއްޔާތުގެ ރަޖިސްޓަރަރ އަލީ ޝަކީލް ވިދާޅުވީ މަހާސިންތާގެ ތެރެއިން ޖަމިއްޔާތަކުގެ ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެވިފައިވާކަމަށާއި ޤާނޫނުގެ ތެރެއިން އެކަންކަމަށް ހައްލު ހޯދަވައިދެއްވާނެކަމަށެވެ. މަހާސިންތާގެ ތެރެއިން ބައިވެރިންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދެވިގެން ދިޔަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ފޯރުކޮށްދެވުނު މައުލޫމާތުގެ ބޭނުންހިފައި ޖަމިއްޔާތައް ކުރިއަރުވަން މަސައްކަތެއް ކުރައްވަން ޝަކީލް ވަނީ ބައިވެރިންގެ ކިބައިން އެދިލައްވާފައެވެ.

"އަޅުގަނޑުމެންނަށް މި މަހާސިންތާއިން ޖަމިއްޔާތަކުގައި ހުރި ކަންބޮޑުވުންތައް އެނގިގެން ގޮސްފި. މި ކަންކަމަށް ގާނޫނުގެ ތެރެއިން އެކަންކަމަށް ހައްލެެއް ގެނެސްދޭނަން. މި ފޯރުކޮށްދެނުނު މައުލޫމާތުގެ އަލީގައި ޖަމިއްޔާތައް ކުރިއަރުވަން އިލްތިމާސްކުރަން" ޝަކީލް ވިދާޅުވިއެވެ.

މި މަހާސިންތާގައި މަދަނީ ޖަމްޢިއްޔާތަކާއި ރަށު ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް ވަނީ ބައިވެރިވެފައެވެ. އަދި އާއިލީ އަދި އިޖްތިމާއި ތަރައްގީއާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޙިދުމަތުގެ ގއ. އަތޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.

މި މަހާސިންތާގައި ވަނީ ޖަމިއްޔާތައް އުފެއްދުމަށާއި ޖަމިއްޔާތައް ކުރިއަރުވަން މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރިއަތް ގެންދިޔަ ޓީމް ބިލްޑިން އެންޑް ލީޑާރޝިޕް ފްރޮގްރާމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ލޯކަލް ކައުންސިލްތަކާއި ޖަމުޢިއްޔާތަކާ ގުޅިގެން ރަށްރަށް ތަރައްގީކުރުމައްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ.

މީގެ އިތުރުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އަތޮޅުތަކުގައި ކުށްމަދުކުރުމަށް ޖަމުޢިއްޔާތަކުން އަދާކުރެވޭނެ ދައުރާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ޝެޝަންތަކެއް ކުރިއަތް ގެންގޮސްފައެވެ. އޭޝިޔާ ފައުންޑޭޝަނުން ވަނީ ޖަމުޢިއްޔާތަކަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުންނާއި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެއެވެ. އަދި ޕްރޮގްރާމް ޕްލޭނިން އެންޑް މެނޭޖްމަންޓް އަދި ފައިނޭސިން ޕްރޮގްރާމްތަކާއި ގުޅޭ މަޢުލޫމާތު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މުހިންމު މައުލޫމާތު ތަކެއް ވަނީ ބައިވެރިންނާއި ހިއްސާކޮށްފައެވެ..

މީގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓުން މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވުމުގައި ކައުންސިލްތަކުގެ ދައުރާ ގުޅޭ ޝެޝަންތަކުގެ އިތުރުން ޒުވާނުން ބާރުވެރި ކުރުވުމާއި ބެހޭ ވުޒާރާއިން ވަނީ އެން.ޖީ.އޯ ގާނޫން އަދި ގްރާންޓް ދިނުމުގެ ޤަވާއިދު، މަދަނީ ޖަމިއްޔާތަކާއި ސަރުކާރު އެހެނިހެން މުވައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ބައިވެރިންނާއި ވަނީ މައުލޫމާތު ދީފައެވެ.

މި ފަދަ މަހާސިންތާއެށް ނިމިގެން ދާއިރު މި މަހާސިންތާގެ ބައިވެރިންގެ ޝުއޫރުތަކާއި ތަޖުރިބާ ބަލާލުމަކީ މުހިންމުކަމެވެ. އެގޮތުން މަހާސިންތާގެ ބައިވެރިންގެ ވަނީ އެ ފަރާއްތަކުގެ ތަޖުރިބާ ތަކާއި މި މަހާސިންތިންއާއި ދަސްޗެހީގެ މައުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.

"ކުރިން ނޭނގޭ ގިނަ މައުލޫމާތު ތަކެއް ލިބިގެން ގޮސްފި. މި މަހާސިންތާގެ ސަބަބުން ޖަމިއްޔާތައް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް އެނގިގެން ގޮސްފި. ކަންކަން ކުރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ" ބައިވެރިން ފާޙަގަކުރިއެވެ.