ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ އެއްބާރަކީ ޤާނޫނު ހަދާ ބާރެވެ. އެކި ދާއިރާތަކުން ރައްޔިތުން ތަމްސީލުކުރައްވާނެ މަންދޫބުން އިންތިޚާބުކުރަނީ ޤާނޫނު ހެދުމުގައި އެ ދާއިރާތަކުގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ރައްޔިތުން ތަމްސީލް ކުރާ މަޖިލީހެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވާ 93 މެންބަރުން މިވަނީ ދާއިރާތަކުގެ މަންދޫބުންނަށް ވެވަޑައިގެންފައެވެ. މީގެ ތެރޭގައި ޒުވާން އެތައް މޫނުތަކާއި ސިޔާސީ ދާއިރާ އަދި މަޖިލީހުގެ ތަޖުރިބާ ހުރި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ނިމުނު 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބެވިއިރު މި ފެށި 20 ވަނަ މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރެއްވުމަށް އިތުރު ހަ މެންބަރުން ތިއްބަވާނެއެވެ. އައު މަޖިލީހަށް އިތުރުވެފައިވާ 6 ދާއިރާއަކީ ހުޅުމާލެ މެދު ދާއިރާއާއި، ހުޅުމާލެ އުތުރު ދާއިރާއާއި، ފޭދޫ އުތުރު ދާއިރާއާއި، ހިތާދޫ ދާއިރާގެ އިތުރުން ހުރާ ދާއިރާ އާއި ކޮލަމާފުށި ދާއިރާއެވެ. ދާއިރާތައް ކަނޑައަޅަނީ ރާއްޖޭގެ އާބާދީގެ ކޮންމެ 5000 މީހަކަށް މެންބަރެއް ތަމްސީލް ކުރާ ގޮތަށެވެ.
އައު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއެވެ. ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރައްވާ 66 މެންބަރުން ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. މި 66 މެންބަރުންގެ އިތުރުން ސަރުކާރުގެ ތާޢީދާއެކު އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ވެސް ގޮނޑި ކާމިޔާބު ކުރެއްވިއެވެ.
މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 11 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު ވެސް ވަނީ އިންތިޚާބަށްފަހު ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިއާއެކު 20 ވަނަ މަޖިލީހުގައި ޕީއެންސީގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އަދަދު ވަނީ 75 އަށް އަރާފައެވެ. މިއީ މަޖިލީހުގެ ސާފު އަޣްލަބިއްޔަތެވެ.
ޕީއެންސީގެ މެންބަރުންގެ އިތުރުން އެ ޕާޓީއާއެކު މަސައްކަތް ކުރާ 3 ޕާޓީން ވެސް ވަނީ ގޮނޑިތައް ކާމިޔާބު ކޮށްފައެވެ. އެގޮތުން, ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި އެމްޑީއޭގެ ލީޑަރުން ވާދަކުރެއްވި ދާއިރާތަކަށް ވާދަނުކުރުމަށް ޕީއެންސީން ނިންމައި އެ ޕާޓީގެ ތާއީދު ލީޑަރުންނަށް ދިނެވެ. ތިން ޕާޓީގެ ލީޑަރުން ވެސް ގޮނޑިތައް ކާމިޔާބު ކުރެއްވިއެވެ. މިއާއެކު އެޕާޓީތަކުގެ މެންބަރުންވެސް މަޖިލީހުގައި މަސައްކަތްކުރައްވާނީ ސަރުކާރުގެ މެންބަރުންނާއި އެއް ވިސްނުމެއްގައެވެ.
މިއާއެކު ސަރުކާރު ހިއްސާވާ މައި ޕާޓީ ތަމްސީލް ކުރާ މެންބަރުންނާއި ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ މެންބަރުން ހިމެނިވަޑައިގަންނަވާހެން ޖުމްލަ 78 މެންބަރުން ސަރުކާރާއެކު މަސައްކަތްކުރައްވާނެއެވެ. މިކަމަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިއީ ރައްޔިތުން ސަރުކާރަށް ކުރި އިތުބާރު ކަމަށާއި ހަމަޖެހުމާއެކު ޤައުމުގެ ކަންކަން ކުރިއަށްގެންދަން ރައްޔިތުން ދިން ފުރުސަތެއް ކަމަށެވެ.
ނިމުނު 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ތަމްސީލް ކުރި އެމްޑީޕީއަށް މަޖިލިސް އިންތިޚާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. 19 ވަނަ މަޖިލީހުގައި 65 ގޮނޑި ކާމިޔާބުކުރި އެމްޑީޕީއަށް މި މަޖިލީހުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.
މީގެ އިތުރުން މަޖިލީހުގައި އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބަވާނީ ދެ މެންބަރުންނެވެ.
ކޮންމެ މަޖިލީހަކާއެކު ވެސް ރައްޔިތުން ކުރާ އުއްމީދުތައް ބޮޑެވެ. ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތައް ނިންމުމަކީ, އަދި ރައްޔިތުންނާއި ޤައުމަށް ފައިދާވާނެ ޤާނޫނުތައް ހެދުމަކީ ރައްޔިތުން ކުރާ އުންމީދެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުންދީ, ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ވެސް ރައްޔިތުން ހޮވާފައިވާ މެންބަރުންގެ ފަރާތުން އެ ރައްޔިތުން އެދޭ އެދުމެކެވެ. ކޮންމެއަކަސް އައު މަޖިލީހަށް ރައްޔިތުންކުރާ އުންމީދުތައް ބޮޑެވެ.