މިނިމުނު 5 އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރީ މިދިޔަ އަހަރުކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރަކީ އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ފޯރި އަހަރެކެވެ. މި ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖޭގެ އިޤްތިޞާދަށް %6.5 ގެ ކުރިއެރުމެއްވަނީ ލިބިފައެވެ.
އިޤްތިޞާދީ ކުރިއެރުމުގެ ހެޔޮ އަސަރު ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރިއަށްވެސް ކޮށްފައިވާކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އެގޮތުން ބޭންކުގެ ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެ ޖުމްލަ އެސެޓް ވަނީ 45 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ. އަދި ހިންގުމުގެ ފައިދާ ހުރީ ކުރީ އަހަރަށް ވުރެ %7 އިތުރުވެ، 2.7 ބިލިއަން ރުފިޔާގައެވެ. އަދި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.07 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ބޭންކުން ހޯދި ނަތީޖާއާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި އެ ބޭންކުން ދޫކޮށްފައިވާކަމަށެވެ.
އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ ދޫކޮށް، މިދިޔަ އަހަރުވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރަށްކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރު ބޭންކުން ވަނީ ޕާރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާއި ޚިދުމަތްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިކަމަށް އޭނާ ވިދާޅުވިއެވެ.
"ތައުލީމަކީ އަޅުގަނޑުމެން އިސްކަމެއްދޭ އެއް ދާއިރާއަށްވެފައި، ދިވެހި އިޤްތިޞާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިޤްތިޞާދަކަށް ހެދުމުގެ މަގްސަދުގައި ކިޔަވާ ލޯނުގެ ރޭޓް %9 އިން %5 އަށް އަޅުގަނޑުމެން ދަށް ކުރިން. އަދި ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕަރޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކުރިން. މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރުވެސް ކުރިން. މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް." މޫސާ ނިމާލް ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުން އެހީ ލިބުނު 3 ވިޔަފާރިއެއް މިދިޔަ އަހަރުތެރޭ ކާމިޔާބުކަމާއެކު ހިނގައިގަނެފައިވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި 2023 ވަނަ އަހަރު މި ހިލޭ އެހީގެ ދަށުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ބޭންކުން އެހީތެރިވެދީފައިވާކަމަށްވެސް އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
2023 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއާ އަލަށް 23,000 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ ގުޅިފައެވެ. މިއާއެކު މިހާރު ބޭންކުގެ ކަސްޓަމަރުންގެ ޖުމްލަ އަދަދުވަނީ 345,000 އަށް އަރާފައެވެ.