ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވަމުން ދަނީ މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައިހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމަޢެއް ބިނާކުރުމުގެ ބޭނުމުގައެވެ. އަދި ޖަމްޢިއްޔާތަކަށް ފަހި ވެށްޓެއް ހޯދައިދެވޭނެ ގޮތްތައް ދެނެގަތުމަކީވެސް މަހާސިންތާގެ ބޭނުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފެށި ހާސިންތާގައި ބައިވެރިވި ޖަމްޢިއްޔާތަކަށް މިހާތަނަށްވަނީ މުހިންމު އަދި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދީފައެވެ. މަހާސިންތާގެ އެންމެފަހުގެ މައުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާގެ މަދަނީ ޖަމުޢިއްޔާތަކުގެ ރަޖިސްޓްރަރ ޢަލީ ޝަކީލް ވިދާޅުވީ މިހާތަނަށް މުހިންމު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވިފައިވާކަމަށެވެ.
އެގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިން އެންޑް ލީޑާރޝިޕް ފްރޮގްރާމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ލޯކަލް ކައުންސިލްތަކާއި ޖަމުޢިއްޔާތަކާ ގުޅިގެން ރަށްރަށް ތަރައްގީކުރުމައްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ޝެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަން ޝަކީލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އަތޮޅުތަކުގައި ކުށްމަދުކުރުމަށް ޖަމުޢިއްޔާތަކުން އަދާކުރެވޭނެ ދައުރާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ޝެޝަންތަކެއް ކުރިއަތް ގެންގޮސްފައެވެ. އޭސިޔާ ފައުންޑޭޝަނުން ވަނީ ޖަމުޢިއްޔާތަކަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުންނާއި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި ޕްރޮގްރާމް ޕްލޭނިން އެންޑް މެނޭޖްމަންޓް އަދި ފައިނޭސިން ޕްރޮގްރާމްތަކާއި ގުޅޭ މަޢުލޫމާތު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކުރިއަށް ގެންގޮސްފައިވާކަން ޝަކީލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓުން މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވުމުގައި ކައުންސިލްތަކުގެ ދައުރާ ގުޅޭ ޝެޝަންތަކެއް ކުރިއަތް ގެންފައިވާކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.
"މި މާސިންތާ ނިމިގެން ދާއިރު ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އެބައޮތް. ގއ. އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ފަރާއްތަކާއި އަދި މަދަނީ ޖަމިއްޔާތައް ގުޅިގެން ގއ. ތަރައްގީކުރުމުގައި ކުރިއަތް ހުރި ކަންކަން ރޭވުމާއި ބައިވެރިވުމުގައި އިތުރު ދައުރެއް ފެންނާނެކަމަށް އުންމީދު ކުރާން " އަލީ ޝަކީލް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މި މަހާސިންތާގައި ބައިވެރިވި ކައުންސިލްތަކާއި ޖަމުޢިއްޔާތަކުން ވަނީ މި މަހާސިންތާގެ ސަބަބުން ކުރިން ނޭނގޭ ގިނަ މައުލޫމާތުތަކެއް އެނގިގެން ދިޔަކަމަށް ބުނެފައެވެ. އެގޮތުން މި މަހާސިންތާގެ ސަބަބުން ޖަމުޢިއްޔާތައް ހިންގުމަށާއި އުފެއްދުމަށް ފަސޭހަކަތަކެއް ލިބިގެން ދާނެކަމަށް އެ ފަރާއްތަކުން ވަނީ ފާހަގަކޮށްފައެވެ.
"ވަރަށް މުހިންމު މަހާސިންތާއެއް މިއީ. ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެން އެބަދޭ. ކުރިން ނޭނގޭ ވަރަށް ގިނަ މަޢުލޫމާތުތައް ލިބިއްޖެ. މީގެ ސަބަބުން ޖަމުޢިއްޔާތައް ހިނގުމަށް ފަސޭހަވާނެ" މަހާސިންތާގެ ބައެއް ބައިވެރިން ފާހަގަކުރެއްވިއެވެ.
މި މަހާސިންތާގައި ޖުމްލަ 67 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާއަކީ 3 ދުވަހުގެ މުއްދަތައް ގއ. ވިލިނގިލީގައި ކުރިއަތްދާ މަހާސިންތާއެކެވެ.