ރަށްރަށުގެ ތަރައްޤީއާއި އިޖްތިމާއީ ކަންކަން ކުރިއެރުވުމުގައި ޖަމުއިއްޔާތަކުން މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޖަމުއިއްޔާތަކުގެ މަހާސިންތާ ފެށުމަށް ގއ. ވިލިގިލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ޖަމުއިއްޔާތަކުގެ މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ މަދަނީ ޖަމުއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި އުނދަގޫތައް ދެނެގަނެ އެކަން ހައްލުކޮށްދެއްވުންކަމަށެވެ. އެގޮތުން މި ފަދަ މަހާސިންތާއެއްގައި ހަގީގީ ނަތީޖާ ނެރެވޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކުގެ ހިއްސާ އޮވެގެންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޖަމުއިއްޔާތަކުގެ މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެއްކަމަށެވެ. ހާއްސަކޮށް ރައްރަށުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވާކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ ތަރައްގީއާއި އިޖްތިމާއީ ކަންކަމާއި އެހެނިހެން ދާއިރާތަކުންވެސް ކުރިއެރުން ހާސިލުކުރުމުގައި ޖަމުއިއްޔާތަކުގެ ދައުރު ވަރަށް ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.
" އަޅުގަނޑު ދަންނަވާނީ ކޮންމެ މުޖްތަމައުއެއްގައިވެސް އެބަޔަކަށް ހާއްސަ ޖަމިއްޔާތައް ނުވަތަ ފޯކަސް ގްރޫޕްތަކެއް އޮތުން ވަރަށް މުހިންމު. އެސެކްޓަރއެއް ކުރިެރުވުމުގައި ހާއްސަކޮށް ޒުވާނުން ބާރުވެރިކުރުމުގައި ދަޑުވެރިކަމާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި މިނޫނަސް އެރަށެއްގައި އެރަށަކަށް ބޭނުންވާ އެންމެހާ ކަންކަން ނިންމުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ރައްޔިތުން އެދޭގޮތް ހޯދުމުގައި މަދަނީ ޖަމިއްޔާތައް މި ވަނީ އަޅުގަނޑުމެންނަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ވުޒާރާގެ އެންމެ އިސް މަގްސަދުތަކުގެ ތެރޭގައި މަދަނީ ޖަމުއިއްޔާތައް ބާރުވެރިކުރުވުމާއި ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނޭކަމަށެވެ. އެގޮތުން މަދަނީ ޖަމުއިއްޔާތަކުން މުޖްތަމައު ބާރުކުރުވުމަށް ހިންގާ މަސައްކަތްތަކަށް ފައިސާގެ އެހީ ހޯދުމަށް ޕްރޮޕޯސަލްތައް ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަހާސިންތާގައި އެ މައުލޫމާތު ފޯރުކޮށްދޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއީ ވަރަށް މުހިންމު ފެށުމެއްކަމަށާއި މި މަސައްކަތް ގއ. ވިލިންގިލީގައި ފެށިކަމުގައިވީނަމަވެސް އުތުރާއި މެދުރާއްޖެ ތެރޭގައިވެސް އަދި ވަކި ރަށްރަށުގައިވެސް މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ. މީގެ އިތުރުން ޖަމިއްޔާތައް ބާރުވެރި ކުރުވުމަށްޓަކައި ބޭނުންވާ އެހެނިހެން އިންސާނީ ވަސީލައްތައްވެސް ފޯރުކޮށްދިނުމުގައި އެ ވުޒާރާ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިމަހާސިންތާގައި ޤައުމީ ކުރިއެރުމަށާއި މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޖަމްޢިއްޔާތަކުގެ މަހާސިންތާގައި މަދަނީ ޖަމްޢިއްޔާތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ބައިވެރިވާނެއެވެ. އަދި ޢާއިލީ އަދި އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއާއި ދިވެހި ފުލުހުން ޚިދުމަތުގެ ގއ.އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުންވެސް މަހާސިންތާގައި ބައިވެރިވާނެއެވެ.
60 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްދާ މި މަހާސިންތާގައި ތަފާތު އެކި މަޢުޟޫއުތަކަށް ސެޝަންތައް ނަގައިދުނުމަށް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާ ކުރިއަތް ދާނީ މިއަދުން ފެށިގެން އަންނަ ހޯމަދުވަހުގެ ނިޔަލަށެވެ.