ކުޅިވަރު

ބަލިވީ ގޯސް ސިލެކްޝަނެއްގެ ސަބަބުން، ޒިންމާ ނަގަން - ނަޒީހު


މިއަދު ޓީސީ އަތުން ބަލިވީ ގޯސް ސިލެކްޝަނެއްގެ ސަބަބުންކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ވިކްޓްރީގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. އުރީދު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު 4-1 ން ޓީސީ އަތުން ބަލިވި މެޗަށްފަހު ނަޒީހު ބުނީ ކުޅުންތެރިންނާއި މެދު އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ.

ޓީސީއަށްވުރެ ރަނގަޅަށް ވިކްޓްރީ މިއަދު ކުޅުނުކަމަށާއި، ރެފްރީގެ ބައެއް ނިންމުންތަކުގެ ސަބަބުންވެސް ޓީސީއަށް އެޑްވާންޓޭޖްތަކެއް ލިބުނުކަމަށް ނަޒީހު ބުންޏެވެ. ސިލްކެޝަން ގޯސްކަމަށް ނަޒީހު ފާހަގަކުރީ ފްރާސްގެ ފޯވާޑް ނިކޮލަސް ޕޯލް ފުރަތަމަ އެގާރައިގައި ކުޅެން އެރުވުމެވެ. ނަޒީހު ބުނީ އޭނާއަކީ ވިކްޓްރީ ކުޅޭ ފުޓްބޯޅައަށް އެއްވެސް ވަރަކަށް ފިޓް ކުޅުންތެރިއެއްނޫންކަމަށެވެ.

"މިއަދު ޓީސީއަށްވުރެ ރަނގަޅަށް ވިކްޓްރީ ކުޅުނު. ޓީސީއަށްވުރެ ވިކްޓްރީއަށް ޕޮއިންޓެއް މިއަދު މާހައްޤު. އަޅުގަނޑަކީ ރެފްރީންގެ ވާހަކަ ދައްކާ މީހެއްނޫން. އެކަމަކު މިއަދު ރެފްރީންގެ ބައެއް ގޮއްވުންތަކުގެ ސަބަބުންވެސް ޓީސީއަށް އެޑްވާންޓޭޖްތަކެއް ލިބުނު. ދެން މިއަދު ބަލިވުމުގެ ސަތޭކަ ޕަސަންޓް ޒިންމާ އަޅުގަނޑު ނަގަން. މިއަދު ބަލިވީ ގޯސް ސިލެކްޝަނެއްގެ ސަބަބުން. އެކަމުގެ ފުރިހަމަ ޒިންމާ އަޅުގަނޑު ނަގަން. ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި. ކުޅުންތެރިންގެ އެއްވެސް މައްސަލައެއްނެތް. މެޗަށްފަހު ނަޒީހު ބުންޏެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ޓީސީގެ ކުޅުން އަދިކިރިޔާ ފެނުނީ ކަމަށާއި، އަދިވެސް ރަނގަޅުކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރިކަމަށެވެ. އަދި މެޗަކަށްފަހު މެޗެއް ރަނގަޅުވާނެކަމަށާއި، ލީގު ނިމޭއިރު އޮންނާނީ ރަނގަޅު ހިސާބެއްގައިކަމަށް ނިޒާމް ބުންޏެވެ.

"ޓީސީގެ ކުޅުން އަދިކިރިޔާ ފެނުނީ. އަދިވެސް ރަނގަޅުކުރަންޖެހޭ ވަރަށްގިނަ ކްނަކަން އެބަހުރި. މެޗަކަށްވުރެ މެޗެއް ރަނގަޅުވާނެ. އިދިކޮޅު ޓީމުންވެސް ވަރަށް ރަނގަޅަށް ކުޅުނު. ޓީސީގެ ފެށުން ރަނގަޅުވެފަ، ކުރީކޮޅު ގޯލްތަކެއް ޖެހުނީމަ ޓީސީކޮޅަށް ބުރަވީ." ނިޒާމް ބުންޏެވެ.

މެޗުގައި ޓީސީގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާ ސީޒަންގެ ފުރަތަމަ ހެޓްރިކް ހެދީ އަލީ ފާސިރުއެވެ. ފާސިރު ހެޓްރިކް ފުރިހަމަކުރީ ޕެނަލްޓީއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ފާސިރުގެ ހުރަހަކުން ޓިސީގެ ފުރަތަމަ ލަނޑު ޖެހީ އަލީ ނާފިއުއެވެ. ވިކްޓްރީގެ ހަމައެކަނި ލަނޑު ޖެހީ ބިދޭސީ ފޯވާޑް ގޮޑްފްރޭ ވެސްޓްއެވެ. އޭނާ އަތުން ޕެނަލްޓީއަކާއެކު ގިނަ ފުރުޞަތުތަކެއް ބޭކާރުވެސް ވިއެވެ.