ހިޔާ މަޝްރޫޢަކީ ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައިގެން އެތަނުގައި ކުރިއަށްގެންދަން ފެށި އެންމެ ފުރަތަމަ ހައުސިންގ މަޝްރޫޢުއެވެ. އެމޝްރޫއަކީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ހިންގަން ފެށި މަޝްރޫއެކެވެ.
ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގަން ފެށި ހިޔާ މަޝްރޫޢުގެ ދަށުން 7000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. އޭރުއޮތް ވެރިކަން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ނިމުނުއިރު ހިޔާ ޓަވަރުތަކުގެ މުހިއްމު މަސައްކަތްތައް ކުރެވިފައިވީނަމަވެސް، އެ ފްލެޓުތައް ނިންމުމުންވެސް ކުރީގެ ސަރުކާރުން ފެލްޓްތައް ލިބުނު މީހުންނަށް އެތަންތަން ހަވާލުނުކޮށް އެކި ބަހަނާތައް ދައްކައި ދިގުދަންމާލިއެވެ.
ފުލެޓްތައް ނުދީ ދިގުދައްމަމުން ދިޔުމުގެ ސަބަބަބުން ބޯހިޔާވަހިކަމަށް ބޭންވެފައި ތިބި އެތައް ބައެއްގެ އުންމީދާއި ހުވަފެންތައް ފަޑުވަމުން ދިޔައެވެ. އަދި އެއިރުގެ ސަރުކާރުން އެއީ ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރިއިރު، އޭރުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ އެތަން ތަޅާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މި ކަންވެގެން ދިޔައީ ބޯހިޔާވަހިކަން ބޭނުންވެ ދަތިހާލުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންނަށް ލިބިގެންދިޔަ ނާއުންމީދަކަށެވެ.
މީގެ އިތުރުން ފުލެޓް ލިބުނުކަން އެންގުމަށްފަހުވެސް ފުލެޓް ލިބުނު ބައެއް ފަރާތްތަކު އަތުން ފުލެޓް އަތުލިކަމަކީވެސް ހިނގާފައިވާ ހިތާމަވެރި ކަންކަމެއެވެ. ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރި ކެޓަގަރީން ފެލެޓް ލިބުނު މީހުންގެ ފެލްޓް އަތުލައި، ރައްޔިތުންގެ ހާލަތު ބެލުމަށްކަމަށްބުނެ ކުރި ކަންކަމަށްފަހު ފްލެޓުގެ އެންމެ ހައްޤުވެރި ފަރާތްތަކަށް ފުލެޓް ނުދީ އޭރުގެ ސަރުކާރުގެ ތެރެއިން ފުލެޓުތައް ބަހާލިކަމަށް އަޑު ފެތުރިގެންދިޔައެވެ. އަދި އެފަދަ ވާހަކަތަކުގެ ޙަޤީގަތް ލިސްޓް އާންކުރި ލިސްޓާއެކު އެނގި ހާމަވެގެން ދިޔަކަމަށް ފެލްޓުން މަޙްރޫމްވި މީހުން ބުނަމުން ދިޔައެވެ.
ކަންމިހެން ހުރިއިރު، ރައްޔިތުންގެ ފާޑުކިއުންތަކާއި ޝަކުވާތައް ގިނަވެ ހިޔާ ޓަވަރުގެ ފްލެޓްތައް އޭގެ ޙައްގުވެރިންނާއި ހަވާލުކުރީ، އެތަނުގެ މަސައްކަތް ނިމުނުތާ ގިނަ ދުވަސްތަކެއްވެ އެތައް ބަޔެއް އެތަނަށް ދިއުމުގެ އިންތިޒާރުކުރާތާ އަހަރުތަކެއްވީ ފަހުންންނެވެ. އެހާ ދުވަސްފަހުން ފްލެޓްތައް ހަވާލުކުރިއިރުވެސް ފިނިޝިން ނިންމާފައި ނުވުމާއި މައިދޮރުތައް ނޫން އެހެން ތަންތަނުގައި ދޮރާއި ދޮރުފަތް ނެތުމާއި ފާޚާނާތައް ނުނިންމައި ހުރުމުން އެތަންތަން ލިބުނު ރައްޔިތުންތިބީ މާޔޫސްވެފައެވެ.
ހިޔާ ސަރަޙައްދުގައި މިހާރު ދިރިއުޅުން އާބާދުކޮށްފައިވާ ބައެއް ފަރާތްތަކާއި ވާހަކަދައްކާލުމުން އެ ފަރާތްތަކުން ވަނީ ފްލެޓްތައް ހަވާލުކުރިއިރު ފިނިޝިންގ ނުނިންމައި އޭގެ ސަބަބުން ކުރިމަތިލާން ޖެހުނު އުނދަގުލާއި ކުރަން ޖެހުނު ޙަރަދުގެ ވާހަކަ ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.
"އަސްލު އަޅުގަނޑުމެންނަށް ވަރަށް ދެރަކޮށް ދިމާވި. އެހާ ހާލުން ތަންކޮޅެއް ލިބުން އިރު އެއްވެސް މަސައްކަތެއް ނުނިމި ހުރީ. އަޅުގަނޑުމެން ދަރަނިވެރިވެގެން އެތަނަށް ވައްނަން ޖެހުނީ. އަދިވެސް މިއުޅޭނީ އެކަމުން އަރައިނުގަނެވިގެން" ހިޔާ ސަރައްދުގައި ދިރިއުޅޭ ރައްޔިތަކު ވިދާޅުވިއެވެ.
ހިޔާ ޓަވަރުގައި ދިރިއުޅޭ ފަރާތްތައް އެތައް ދައްޗަކާއި ތަކުލީފެއްގައި އުޅެނިކޮށް، އެ ރައްޔިތުންނަށް އުއްމީދުތައް ގެނެސްދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ރައްޔިތުން ޚަރަދުކުރި ޖުމްލަ ފައިސާގެ ތެރެއިން 200،000 ރުފިޔާ ކުލިން އުނިކޮށްދެއްވާފައެވެ. ހިޔާ ފްލެޓްގެ މަހު ކުލީގެ ގޮތުގައި ކުރިން ރައްޔިތުން ދައްކަމުން އަދަދު 3984 ރުފިޔާއަށް ވަނީ ކުޑަކޮށްދެއްވާފައެވެ. މިކަން ރައްޔިތުން ބަލައިގަތީ ލިބުނު ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައެވެ.
"ކުލި ކުޑަވެގެން ދިޔުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިންހަމަޖެހުމެއް. ވަރަށް ބޮޑު އުފަލެއް. ދިރިއުޅުމަށް އަމިއްލަ ތަންކޮޅެއް ލިބިގެން ދިޔުމުން ހިންހަމަ ޖެހޭ" ހިޔާ ސަރައްދުގައި ދިރިއުޅޭ ރައްޔިތަކު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރަށް ކޮތަރުކޮށިތަކަކަށް ވި މި ފުލެޓްތަކަކީ މިހާރު އެތައް ހާސްބައެއްގެ ހިޔާވަހިކަން ލިބިފައިވާ މުހިންމުތަކަށް ވަނީވެފައެވެ. ގިނަ ބައެއް ދިރިއުޅެމުން ދިޔަ ދަތިހާލަތު މިހާރު ވަނީ މާޒީވެފައެވެ.