ޚަބަރު

ޤައުމީ ސާފިން ޓީމުގެ އޮފިޝަލް ސްޕޮންސަރޝިޕް މުއްދަތު ބީއެމްއެލްއިން އިތުރުކޮށްފި


  • ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްއިން އެހީވާނެ

  • ކާމިޔާބު ހޯދުމުގެ ހުނަރު އެޓްލީޓުންގެ އެބަހުކަމަށް ބީއެމްއެލްއިން ބުނޭ

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާއިއެކު ސީނިއަރ އަދި ޖޫނިއަރ ޓީމުތައް ހިމެނޭހެން ޤައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ވެފައިވާ އެއްބަސްވުން ބޭންކް އޮފް މޯލްޑިވްސްއިން އިތުރުކޮށްފިއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެއެވެ.

މިކަމާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، ސަރފިންއަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުންދާ އަދި ކުރިއަރަމުންދާ ކުޅިވަރެއްކަމަށެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުންވެސް މި ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިވާކަމަށެވެ.

ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ހުނަރު ސަރފިންގެ އެތުލީޓުންގެ ފަރާތުން ފެންނަކަމަށާއި، މީގެ ކުރިންވެސް އެތުލީޓުން ވަނީ އެކަން ހާމަކޮށްދީފައިކަމަށް ވިދާޅުވިއެވެ.

އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ، ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މި ޕާރޓްނާޝިޕް ދެމެހެއްޓޭކަމީ ލިބޭ އުފަލެއްކަމަށެވެ. ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ޒުވާން އެތުލީޓުން ކުރިއަރުވަން ބޭންކުން ކުރާ މަސައްކަތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާރޓްނާޝިޕްތަކުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މުހިންމު ދަރުރެއް އަދާކުރަމުންނެވެ. މީގެ އިތުރުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލަރޝިޕްވެސް ދީފައެވެ.