ޚަބަރު

ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 19 ކަނދުފައްޗެއް އަޅައިފި


  • މީގެތެރޭގައި 7 ކަނދުފައްޗަކީ މުޅިން އަލަށް އެޅި ކަނދުފަތިތަކެއް

  • މިހާރު މުޅި ޖުމްލަ 80 ކަނދުފަތި އެބައޮތް

މި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް 19 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކަނދުފައްޗަކީ މަސްވެރިންގެ ލާބައާއި މަންފާއަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި އަންނަނީ ހަރުކުރަމުންނެވެ. އެއީ ދޮށީގެ ކަނދުފައްޗާއި، ސްޕޯރޓްސް ކަނދުފައްޗެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 19 ކަނދުފަތި އަޅާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 7 ސްޕޯރޓްސް ކަނދުފައްޗާއި، 12 ދޮށީގެ ކަނދުފައްޗެވެ.

މީގެތެރޭގައި 7 ކަނދުފައްޗަކީ މި ސަރުކާރުން މުޅިން އަލަށް އަޅާފައިވާ ކަނދުފަތިތަކެކެވެ.

އަލަށް ކަނދުފަތި އަޅާފައިވާ ސަރަހައްދުތައް:

• ގދ. ގައްދޫ
• ތ. ބުރުނީ
• ލ. ފޮނަދޫ
• މ. ވޭވަށް
• އދ. މަހިބަދޫ
• ށ. ފޮނަދޫ
• ކ. ހުޅުމާލެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު 80 ކަނދުފައްޗެއް ވަނީ އަޅާފައެވެ. އެއީ 65 ދޮށީގެ ކަނދުފައްޗާއި، 15 ސްޕޯރޓްސް ކަނދުފައްޗެވެ.

ކަނދުފައްޗަކީ މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަޅާފައިވާ އެއްޗަކަށް ވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި ކުރުން މަނާ ބައެއް ކަންތައްތައް ހުރެއެވެ.

އެގޮތުން އެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވައު އައްސައި އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.