ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާ ދަތުރުފުޅެއްގައި ސަޢުދީއަށް ވަޑައިގެންފި


  • ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ މަދީނާގެ ގަވަރުނަރު

  • ރައީސުލްޖުމްހޫރިއްޔާ އާއި މަދީނާގެ ގަވަރުނަރު ވަނީ ބައްދަލުކުރައްވާފައި

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްލުޢަޒީޒްގެ ޚާއްސަ މެހެމާންދާރީގައި ޢުމްރާ އަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެ ޤައުމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންނެވުމުން ޕްރިންސް މުޙައްމަދު ބިން އަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، މަދީނާގެ ގަވަރުނަރު ޕްރިންސް ސަލްމާން ބިން ސުލްތާން ބިން އަބްދުލްޢަޒީޒެވެ.

މަރުހަބާ ވިދާޅުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި މަދީނާގެ ގަވަރުނަރު ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާންދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން މި ދަތުރުފުޅު ކުރައްވަނީ ސަޢޫދީ ސަރުކާރުން ފޮނުއްވި ޚާއްޞަ މަތިންދާ ބޯޓެއްގައެވެ.