ޚަބަރު

"މޯލްޑިވްސް ވޭވް" އިން ވެހިކަލް ގެންނަން ކަމަށްބުނެ އިތުރު ބައެއްގެ އަތުން ފައިސާނެގިތޯ ބަލަނީ


  • "މޯލްޑިވްސް ވޭވް" އިން ވެހިކަލް ގެންނަން ކަމަށްބުނެ އިތުރު ބައެއްގެ އަތުން ފައިސާނެގިތޯ ބަލަނީ

ރާއްޖެއިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލަތަކެއްގައި އިތުރު ބައެއްގެ އަތުން ފައިސާ ނެގާފައިވޭތޯ ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އެޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަނީ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށެވެ.

ފުލުހުންވަނީ ވެހިކަލް ގެންނަން އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތެއްވާ ނަމަ، 2024 މެއި 30 ވަނަ ދުވަހުގެ ކުރިން އެކަން އެޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެ މައްސަލައިގައި އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާނެގުމާއި، ތަފާތު އެކި ސްކޭމްތައް ހިންގުން ފަދަކަންކަން މިފަހަކަށް އައިސް އިތުރުވެފައިވާތީ، އެފަދަކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.