ޚަބަރު

ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމުގައި ކައުންސިލްތަކުގެ ޒިންމާ ބޮޑު: އާދަމް ޝަރީފް


  • ޑެންގޫ އަދި ޗިކުންގުންޔާ ހަލުވިކަމާއިއެކު ދަނީ ފެތުރެމުން

  • ކައުންސިލްތަކަށް ކުރެވޭނެ މަސައްކަތްތައް ގިނަކަން ވަޒީރު ފާހަގަކުރެއްވި

  • ވުޒާރާއިން މިކަމުގައި އެހީތެރިވެދޭނެ ކަމަށްވެސް ވިދާޅުވި

ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލްކުރުމުގައި ރަށްރަށުގެ ކައުންސިލްތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު 1 ފަހަރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ރާއްޖޭގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާތީ، އެކަމަށް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިވަގުތުވެސް ޑެންގޫއާއި ޗިކުންގުންޔާގެ ފެތުރޭތީ ކައުންސިލްތަކުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ސިއްހީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި އަދާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ފަރާތަކަށް އޮންނާނީ ސިޓީ ކައުންސިލްތަކާއި އަދި ރަށްރަށުގެ ރަށު ކައުންސިލްތައް. އެހެންވީމަ އެ ކައުންސިލްތަކުގައި ޕްރައިމަރީ ހެލްތް ކެއަރ އަދި ސިއްހީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަން ރަނގަޅުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ" ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ޕްރައިމަރީ ހެލްތް ކެއަރއާއި ސިއްހީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ހިދުމަތްތައް ދިނުން މިއީ ކައުންސިލްތަކަށް ލާޒިމްކޮށްފައި އޮންނަ ކަމެކެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ކައުންސިލްތަކުން މި ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އެކަންކަމަށް މަގުފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.