ކުރިމަތިލާ ކޮންމެކަމެއްގައިވެސް ތެދުވެރިވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު އެކަމަށް އިލްތިމާސްކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ތައުލީމީ، ސިއްޙީ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ކޯސްތައް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ތައުލީމީ ވަޒީރު އިސްލާއިލް ޝަފީއު ވިދާޅުވީ ފުރިހަމަ ތެދުވެރިކަމަކީ އޮޅުވާނުލުމާއި މަކަރު ހެދުންފަދަ ނޭދެވޭ ކަންކަމުން ދުރުވެ އިޚްލާސްތެރިކަމާއި ވަފާތެރިކަން އިސްކުރުންކަމުގައެވެ. އެގޮތުން ތެދުވެރިވާން ވީ އަމިއްލަ ނަފްސަށާއި މާތް ވެގެންވާ އިސްމާދީނަށާއި ދިވެހި ގައުމަށްކަށް ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ޔުނިވާރސިޓީއަކީ ދިވެހިރާއްޖޭގެ ތައުލީމީ އެންމެ ކުރި ބޯށިކަން ފާހަގަކުރައްވައި ތައުލީމީ ވަޒީރުވަނީ ޤައުމުގެ ތައުލީމުގެ މައިމަރުކަޒަކީ ހިތްގައިމު ވެއްޓެއްގައި ގާއިމްކުރެވިފައިވާ ހިތް ފަސޭހަ މާހައުލަކަށްވުން މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެ ފަދަ މާހައުލެއްގައި ހިންގޭ ކޯސްތަކުގެ ތެރެއިން ޚާއްސަކޮށް ބެޗްލާރސް ޑިގްރީ ޕްރޮގްރާމްއަކީ ފުލް ޓައިމްކޮށް އެކަމަށް ވަގުތު ހުސްކޮށްގެން ކިޔަވާ ޕްރޮގްރާމްތަކަކަށް ވުމަކީ މުހިންމު ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އެ ސިފަ ނުވާނަމަ އެކުވެރިކަން ނޯންނާނެކަމީ ޝައްކެއް އޮތްކަމެއް ނޫން. އެކުވެރިކަމެއް ނުވާނަމަ ލޯބީގެ ތެދުވެރިކަމެއް ނޯންނެ. އެހެންވީމައި ތިއެންމެހާ ދަސްވެނިންނަށް އަޅުގަނޑު އިލްތިމާސްކުރަނީ ތެދުވެރިވުމަށް އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސައް ތެދުވެރިވުމާއެކު ތި ދަސްވެނިންގެ މާތްވެގެންވާ ދީނަށް އަދި މުޅި އިންސާނިއްޔަތައް ތެދުވެރިވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސްކުރަން" ވަޒީރު ޝަފީއު ވިދާޅުވިއެވެ.
ތައުލީމީ ވަޒީރު އިސްލާއިލް ޝަފީއު ވިދާޅުވީ ރާއްޖެ އަމާޒު ހިފާފައި މިހުރީ ތަރައްގީގެ މިސްރާބަށްކަމަށެވެ. ދިވެހިންގެ ރާއްޖެ ތަސައްވުރަކީ އިލްމާއި ހުނަރު ލިބިފައިވާ ދަރިންތަކެއް ހިމެނޭ ޖީލެއް ބިނާކުރުންކަމަށެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމެއް އިފްތިތާހު ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެކަމުގައި އެންމެ އިސްދައުރެއް އަދާކުރާނެ އެއްބަޔަކީވެސް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ އެކި ކޯސްތައް ނިންމައި މި އަހަރުގެ ފުރަތަމަ ބުރުގައި 780 ދަރިވަރުން ދަސްވެނިވާނެއެވެ. އޭގެ ތެރޭގައި ސުކޫލް އޮފް ނާރސިންގެ މާސްޓަރސް، ފެކަލްޓީ އޮފް ޝަރީއަ އެންޑް ލޯ، ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސްގެ އިތުރުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް، ފެކަލްޓީ އޮފް އެޑުކޭޝަން، ފެކަލްޓީ އޮފް އަރޓްސްއިން ދަސްވެނިވާ ދަރިވަރުން ހިމެނެއެވެ. މީގެ އިތުރުން ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ، އެމްއެންޔޫ ބިޒްނަސް ސުކޫލް، ސުކޫލް އޮފް ނާރސިންގ މާސްޓަރސް ދަރިވަރުން ހިމެނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ އޭޕްރީލް މަހުގެ ދަސްވެނިވުން ކުރިއަށްދާނީ މިމަހުގެ 28އިން 30އަށެއެވެ.