ޚަބަރު

އެވަރެސްޓް އަދި އެމްޑީއެޗް ބްރޭންޑުގެ ބައެއް ހަވާދު ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި


  • މިތަކެތި ވިއްކުން މަނާކުރީ ވިހަ ކެމިކަލެއް އެކުލެވޭތީ

  • މިއީ ރާއްޖޭގައިވެސް ގިނަ އަދަދަކަށް އެތެރެކޮށް ވިއްކާ ބާވަތްތަކެއް

  • މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރޭ

އިންޑިއާގެ އުފެއްދުމެއްކަމަށްވާ "އެވަރެސްޓް" އަދި "އެމް.ޑީ.އެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތައް ދިވެހިރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން މަނާކޮށްފިއެވެ.

މިކަމާގުޅިގެން އެމް.އެފް.ޑީ.އޭއިން ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވީ، އެވަރެސްޓް އަދި އެމް.ޑީ.އެޗް ބްރޭންޑުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް" ހުރިކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށް އަސަރުކޮށްފައިވާ މި ބްރޭންޑްގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށެވެ.

"އެތިލިން އޮކްސައިޑް"އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރުމަށް ބޭނުންކުރާ ކެމިކަލެކެވެ. ނަމަވެސް ޞިއްޙަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި މި ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުންކުރުމަކީ އެދެވިގެންވާކަމެއްނޫނެވެ.

މި ދެ ބްރޭންޑުގެ ހަވާދަކީ ދިވެހިރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ހަވާދުގެ ބާވަތްތަކެއްކަން އެމް.އެފް.ޑީ.އޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން ރާއްޖެއަށް އެތެރެކުރާ މި ބާވަތްތަކުގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އެމް.ޑީ.އެޗް ބްރޭންޑުގެ 3 ބާވަތަކާއި، އެވަރެސްޓް ބްރޭންޑްގެ އެއް ބާވަތް އެމް.އެފް.ޑީ.އޭއިން ވަނީ ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީއެޗް ބްރޭންޑުގެ މެޑްރާސް ކަރީ ޕައުޑަރ، ސާމްބަރ މަސާލާ މިކްސްޑް މަސާލާ ޕައުޑަރ އަދި ކަރީ ޕައުޑަރ މިކްސްށް މަސާލާ ހިމެނެއެވެ. އަދި އެވަރެސްޓް ބްރޭންޑް ފިޝްކަރީ މަސާލާވެސް ވަނީ ވިއްކުން މަނާކޮށްފައެވެ.