ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ހޯދާ ފަރާތެއް އިޢުލާންކުރުމަށް ބާއްވާ "ގްރޭންޑް ފިނާލޭ" މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ.
ގިނަ ސަޕްރައިޒްތަކަކާއެކު މޯލްޑިވިއަން އައިޑަލްގެ "ގްރޭންޑް ފިނާލޭ" ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައި ވަނީ މިރޭ 21:00ގައެވެ.
މި މުބާރާތުގެ ޓައިޓްލްއަށް ވާދަކުރާ ގަދަ 3 ބައިވެރިންގެ ޕާފޯމެންސް ނައިޓް މިދިޔަ ހުކުރު ދުވަހު ދައްކާފައިވާއިރު، މި 3 ބައިވެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް އަދިވެސް ވަނީ ހުޅުވާލާފައެވެ.
img:http://s4.psmnews.mv/images/660x400/14618367389922.jpg|މޯލްޑިވިއަން އައިޑަލް - ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިން / ފޮޓޯ: ޕީ.އެސް.އެމް
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވުމަށްޓަކައި، ޕީ.އެސް.އެމުން ދިން ދަޢުވަތު ޤަބޫލުކޮށް، އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރިޔާ މިހާރު ރާއްޖެ އައިސްފައިވާއިރު، މިރޭގެ ޝޯވގައި އޭނާ ލައިވްކޮށް ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މުބާރާތުގެ ގަދަ 3 ބައިވެރިންނާއެކު، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ މަޝްހޫރު 3 ލަވަކިޔުންތެރިއެއް ޕާފޯމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޝަލަބީ އިބްރާހިމްއާއެކު މީރާ މުހައްމަދު މާޖިދު ފެނިގެންދާއިރު، ލައިޝާ ޖުނައިދާއެކު ޝަންމޫން މުހައްމަދު ފެނިގެންދާނެއެވެ. އަދި މުހައްމަދު އިޝާންއާއެކު ރާފިޔަތު ރަމީޒާ ފެނިގެންދާނެއެވެ.
މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ހޯދާ ފަރާތެއް މިރޭ އިޢުލާންކުރެވިގެންދާއިރު، މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ދެ މިލިއަން ރުފިޔާއަށް ވުރެ އަގުހުރި އިނާމް ވަނީ ހުށައަޅާފައެވެ. ހަމައެހެންމެ ޓޮޕް ތިނެއްގައި ހިމެނޭ ބައިވެރިންނަށް ލިބޭ އިނާމްގެ އަގު ޖުމްލަ 5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ.
img:http://s3.psmnews.mv/images/660x400/14619142009714.jpg|މޯލްޑިވިއަން އައިޑަލް - ގްރޭންޑް ފިނާލޭގައި ވާދަކުރާ ގަދަ 3 ބައިވެރިން / ފޮޓޯ: ޕީ.އެސް.އެމް
ގްރޭންޑް ފިނާލޭ ބޭއްވުމަށްޓަކައި ޕީ.އެސް.އެމްގެ އައިޑަލް ޕްރޮޖެކްޓް ޓީމުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.