ޚަބަރު

އަހަރުގެ ފުރަތަމަ 3މަސް ނިންމާލީ ލިބުނު އާމްދަނީން ޚަރަދުތައް ހަމަޖައްސައިގެން!


  • މީގެކުރިން ލިބޭ އާމްދަނީން ޚަރަދު ހަމަޖެއްސެނީ ޖެނުއަރީ މަހު އެކަނި

  • ނަމަވެސް މިއަހަރުގެ 3 މަހު ލިބުނު އާމްދަނީން ޚަރަދުތައް ހަމަޖެއްސި

  • އިޤްތިޞާދީ ދުވެލިވެސް މަޑުނުޖެހި ބާރަށް ކުރިއަށްދޭ

ދަޢުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖައްސައިގެން ފުރަތަމަ ފަހަރަށް ތިންމަސް ދުވަސް ނިންމާލައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ލިބޭ އާމްދަނީން ފުރަތަމަ ތިންމަސް ދުވަސް ނިންމާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސެނީ ހަމައެކަނި ޖެނުއަރީމަހެވެ. އޭގެ ފަހުން އެހެން މަސްތަކުގައި ލިބޭ އާމްދަނިއަށްވުރެ ކުރާ ޚަރަދުތައް ބޮޑުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރު ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ އިޤްތިޞާދީ ހެޔޮބަދަލަށްބޭނުންވެފައެވެ. ޤައުމުގެ ދަރަނިބޮޑުވެ ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައެވެ. މިއާއެކު ދައުރުގެ އެންމެ ކުރީކޮޅުވަނީ އިޤްތިޞާދު ރަނގަޅުކުރުމަށް އިސްލާޙީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އިޤްތިޞާދަށް އޮތް ގޮންޖެހުންތަކާއި، އޮތް ނާޒުކު ފައްތަރު ބޭރުގެ ޖަމްޢިއްޔާތަކުންވެސް ފާހަގަކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އެޅުއްވި އިޤްތިޞާދީ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ތަޢުރީފްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ ސަރުކާރު ހަވާލުވީއިރު އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަކަމަށެވެ. އެހެނީ ޤައުމުގެ ދަރަނިހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީ ނިސްބަތުން %115 ގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ދެމެހެއްޓޭނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަވާލުވިއރު ފާސްކުރެވިފައިވާ ސަޕްލިމަންޓްރީ ބަޖެޓެއް 6.5 ބިލިއަންގެ ބަޖެޓެއް. ހަމައެއާއެކު ނުދެއްކިހުރި ބިލްތައް 2 ބިލިއަނަށްވުރެ ގިނަ. ދެން މިއަހަރަށް ފާސްކުރެވިފައިވާ ބަޖެޓަކީވެސް 49.5 ބިލިއަން ރުފިޔާ. ބަޖެޓު ޑެފިސިޓް އެބައުޅޭ 14 ބިލިއަންގައި. އަދި ފައިނޭންސްކުރުމަށް އެބައޮތް ގޮންޖެހުންތަކެއް. 17 ބިލިއަން ފައިނޭންސިން ހޯދަންއެބަޖެހޭ. އެހެންވީމަ މިހާލަތުގައި ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެން އެކަން ކުރަންޖެހޭ އިޤްތިޞާދު ހަމައަކަށް އެޅުމަށްޓަކާ." މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާލަތަށް އިޤްތިޞާދު ދިއުމުގައި ކޯވިޑާއި، ދުނިޔޭގެ އިޤްތިޞާދީ ޙާލަތުވެސް ހިމެނޭކަމަށެވެ.

ވަޒީރު ވިދާޅުވީ އިޤްތިޞާދު ރަނގަޅުކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްދިއުމަށް ބަޖެޓު ފައިނޭންސް ހޯދަންޖެހޭކަމަށެވެ. މިހާރު ރާއްޖޭގެ ދަރަނި %60 ނިސްބަތްވަނީ އެތެރޭގެ ޑޮމެސްޓިކް ދަރަންޏަށްކަމަށާއި، ބޭރުގެ ދަރަންޏަކީ %40 ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޑރ. ޝަފީޤް ފާހަގަކުރެއްވިގޮތުގައި ދަރަންޏަކީ އަދާކުރެވޭ އެއްޗަކަށްވާންޖެހޭކަމަށާއި، ލިބޭ އެއްޗަކުން ޚަރަދުތައް ހަމަޖެއްސުމަކީވެސް މުހިންމުކަމެކެވެ.

ވަޒީރު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ދައުލަތުން ކުރާ ޚަރަދު ބޮޑުއިރު، ޚަރަދުބޮޑުވަނީ ބައެއް ދާއިރާތަކުގައި އިސްރާފު ބޮޑުކަމުންކަމަށެވެ. އެގޮތުން ބައެއް މުއައްސަސާތަކާއި ކުންފުނިތައް ހިންގަނީ އެންމެ ޒިންމާދާރުކޮށް ނުވަތަ އެކަށީގެންވާގޮތަށް ނޫންކަމަށާއި އެކަން އިސްލާހުކޮށް އިސްރާފް ކުޑަކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އިޤްތިޞާދީ ދުވެލި މަޑު ނުޖެހޭނެހެން ޚަރަދުތައް ނުވަތަ ހިންގާނެ މަޝްރޫޢުތަކުގެ އިސްފަސް ކަނޑައަޅަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެންމެ އިސްކަންދޭނެ މަޝްރޫޢުތައް ކަނޑައަޅައިގެން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ލިބޭ އާމްދަނީއާ ކުރަންޖެހޭ ޚަރަދު ނުބައްދަލުކަމަށް ފެންނާތީވެ އަޅުގަނޑުމެން އެބަޖެހޭ ދަރަނި ނަގަން. ދަރަނި ނެގުމުގައި އަޅުގަނޑުމެން ބަލަން އެތެރެއިން ކިހާވަރަކަށްތޯ އަޅުގަނޑުމެންނަށް އަގުހެޔޮކޮށް އެފޯޑްކުރެވޭގޮތަށް ހަމަޖައްސަން ހުރީ. ބޭރުގެ ދަރަނިވެސް ނަގާއިރު އެބަހުރި ގޮންޖެހުންތަކެއް. ބޭރުގެ އިންޑިކޭޓާސް ހުރިގޮތުން ބޭރުން ދަރަނި ދޭއިރު އެބަހުރި ދަތިތައް. މުސްތަޤްބަލުގައި ދަރަނި ހޯދާއިރުވެސް އެބަހުރި ކަންތައްތަކެއް ރަނގަޅުކުރަން. އެކަން ކުރުމުގެ މަސައްކަތް މިކުރަނީ." މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވިގޮތުގައި މީގެ ކުރިން ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސިފައި ހުންނަނީ ޖެނުއަރީ މަހު އެކަނިކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރު ނުވަތަ ފުރަތަމަ 3 މަސް ނިންމާލީ ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖައްސައިގެންނެވެ. ހަމަމިއާއެކު ބޭރުގެ ދަރަނީގެވެސް ބޮޑެތި ޢަދަދުތަކެއް ދައްކާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ނަތީޖާއަކީ ބޭރުން އަދި އެތެރޭން ނަގާފައިވާ ދަރަނި ވަރަށް ބޮޑުތަން ކުޑަވާނެ. އަދި ވަރަށް ބޮޑެތި އަދަދުތައް އަޅުގަނޑުމެން ވާނީ ދަރަނި ދައްކާފައި." ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ އިޤްތިޞާދީ ދުވެލި ބާރަށް ކުރިއަށްގެންދިއުމަށް ރަނގަޅަށް މޮނިޓަރކޮށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭކަމަށެވެ. އެހެންކަމުން އެ ވުޒާރާއިން އެކަންކަމަށް އިސްކަންދީގެން ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތުތަކާމެދު ހިތްހަމަޖެހޭ ކަމަށާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ނަންގަވަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގެ މުސްތަޤުބަލަށް މުހިންމު އަދި ޤައުމުގެ އިޤްތިޞާދީ މުސްތަޤުބަލު އުޖާލާވާނެ ފިޔަވަޅުތަކެއްކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކޮށްފައިވެއެވެ. ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތުން ކުރިއަށް އޮތްތަނުގައި އިގްތިސާދީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުންވެސް ގަބޫލުކުރެއެވެ.