ޚަބަރު

މިސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތަށް ދުނިޔޭގެ ތައުރީފު


  • މިކަން ފާހަގަކޮށްފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް ރިޕޯޓްގައި

  • ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމުގެ ސިޔާސަތަށްވަނީ ތައުރީފުކޮށްފައި

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިސަރުކާރުން ގެންގުޅުއްވާ ތަސައްވުރަށް އޭޑީބީން ތައުރީފުކޮށްފިއެވެ. އޭޑީބީން މިކަމަށް ތަޢުރީފްކޮށްފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓްގެ އެންމެ ފަހުގެ އައުޓްލުކްގައެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރާ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5900 ހެކްޓަރެވެ. ރާއްޖޭގައި އުފެއްދެނީ އާބާދީއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެންމެ %10އެވެ. އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކްގައި ބުނެފައިވަނީ 2005 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ދަނޑުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރަނީ އެންމެ %1.5 ކަމަށެވެ. އަދި މިއިން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރަންޖެހޭކަން ހާމަވާކަމަށް ވަނީ ބުނެފައެވެ.

މިރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގޮންޖެހުންތަކެއްވެސް ހުރިކަމަށެވެ. އޭގެތެރޭގައި ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މަދުވުންވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާއަތުގައި ލޯނު ލިބުން ދަތިވުމާއި އަދި ދަނޑު ހެއްދުމަށް ބޭނުންވާ ބައެއް ތަކެތީގެ އަގު ބޮޑުވުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ ގޮންޖެހުމެއްކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މިސަރުކާރުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގެންގުޅޭ ތަސައްވުރަށް މި ރިޕޯޓްގައި ވަނީ ތައުރީފްކޮށްފައެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ދަނޑުވެރިކަމުގެ ބާވަތްތައް ތައާރަފްކޮށް ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މިރިޕޯޓުގައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ވީސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޒަމާނާއި ރަހުމަތްތެރި ދަނޑުވެރިކަން ތައާރަފްކުރުމަށް ވެވުނު އެއްބަސްވުން ފާހަގަކޮށްފައެވެ. ހަނިމާދޫގައި ކުރިއަށްގެންދާ މިޕްރޮޖެކްޓަކީ ޒަމާނީ ވަރޓިކަލް ފާމިން މެދުވެރިކޮށް މުޅި ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. މިމަޝްރޫޢުގެ ސަބަބުން މުޅި ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރުމަށް ބާރަކަށް ވެގެންދާނެކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ރައީސްގެ ޖަވާބު ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކުރިއަށް އޮތް މުސްތަޤްބަލުގައި މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް ރާއްޖޭގައި އުފެއްދޭގޮތް ގާއިމްކޮށް، ފުޑު ސެކިއުރިޓީ ޔަޤީންކުރުންކަމަށެވެ.