ފ. ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތް އެ ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް ނިންމަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފީއައްޔަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ބިން ހިއްކުމުގެ މަސައްކަތާއި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުން އެދިވަޑައިގެންފައެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ބޭނުންވާކަމަށާއި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި އައު މިސްކިތެއް އިމާރާތްކުމުގެ މަސައްކަތް އަވަހަށް ފަށްޓަވައިދެއްވުމަށް ވެސް ފީއަލީ ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެރަށުގެ އިންޖީނުގޭގެ ކެޕޭސީޓީ އިތުރުކޮށް ތަރައްޤީކުރުމާއި އައިސް ޕްލާންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ވޮލީކޯޓާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތް އަވަހަށް ނިންމުމާއި ކައުންސިލު އިދާރާއަށް އައު އިމާރާތެއްގެ މުހިންމުކަމާއި އާރުޓީއެލް ފެރީގެ ޚިދުމަތްފަދަ ރަށުގެ ތަރައްޤީއާ ރައްޔިތުންގެ ކުރިއެރުމަށް މުހިންމު ކަންތައްތައް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތްވެސް ރައްޔިތުން އެދިފައިވާގޮތަށް ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ތަރައްޤީގެ އެހެން މަސައްކަތްތައް ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ފީއަލީގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.