ފ. އަތޮޅުގެ ސިއްޙީ ދާއިރާ ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެވަޑައިގެންފައި ވައުދުފުޅާއެއްގޮތަށް ނިލަންދޫގައި ހުންނަ ފ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު އަބްދުﷲ ޚަލީލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޚަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅުގެ ސިއްޙީ ނިޒާމުގެ ކަންކަން ތަރައްގީކޮށްދެއްވަން ވެވަޑައިގެންނެވި ވައުދުފުޅުން ވެސް ޤައުމަށް ތަރައްގީ ގެނެސްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ފ. އަތޮޅު ބާކީނުކުރައްވާނެކަމުގެ ޔަގީންކަން ލިބިގެންދާކަމަށެވެ. އެގޮތުން، ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް އެމްއޯޔޫއެއްގައި ސޮއިކޮށް، މިހާރު ކުރަމުންދަނީ ޑިޒައިނިންގ އާއި އެތަނުގައި ގާއިމުކުރަން ޖެހޭ ޚިދުމަތްތައް ދެނެގަތުމުގެ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ނިންމައި ފައިނަލް ކޮންޓްރެކްޓުގައި ސޮއި ކުރަން މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނިލަންދޫ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށަން ނިންމާފައިވާކަން ފާހަގަކުރައްވައި ވަޒީރު ޚަލީލް ވިދާޅުވީ އަތޮޅު ވެރިކަން ކުރާ ހުރިހާ ރަށެއްގައި ޑަޔަލިސިސް ޚިދުމަތް ފެށުމަށް އަދުގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާއެއްގޮތަށް އަވަސް މުސްތަގުބަލެއްގައި ނިލަންދޫގައި ވެސް އެޚިދުމަތް ފެށިގެންދާނެކަމަށެވެ. އަދި ހޮސްޕިޓަލުގެ އައު އިމާރާތާއެކު ޚިދުމަތްދޭ އެނދުގެ އަދަދު އިތުރު ކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޚާއްސަގޮތެއްގައި ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއް ދިމާވާ ހާލަތެއްގައި ހޮސްޕިޓަލުގައި ހުރި އެނދުގެ އަދަދު ނުފުދިފައި އޮންނަނީ. އެހެންވީމާ އެ އަދަދުތައް އިތުރުވެގެންދާނެ. މިއިން އަޅުގަނޑުމެންނަށް ދައްކުވައިދޭ ރައީސް ތިބޭފުޅުންނާ ދޭތެރޭގައި، މިރަށުގެ ރައްޔިތުންނާ ދޭތެރޭގައި މި އަތޮޅުގެ ރައްޔިތުންނާ ދޭތެރޭގައި އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި. ތިބޭފުޅުންގެ ސިއްޙަތު ކުރިއަރުވަން އެމަނިކުފާނުގެ ހިތްޕުޅުގައި ހުރި އޯގާތެރިކަން،" ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަބްދުﷲ ޚަލީލް އިތުރަށް ވިދާޅުވީ ސިއްޙީ ނިޒާމުގައި ފަރުވާ ދިނުމުގެ އިތުރުން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ވަރުގަދަކުރެއްވުމަށް އަދުގެ ސަރުކާރުން އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން، ރާއްޖޭގެ 10 އަތޮޅެއްގައި އެ ނިޒާމު ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދެވަނަ މަރުހަލާގެ މަސައްކަތް ފުވައްމުލަކުގައި ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރައިމަރީ ހެލްތުކެއާ ނިޒާމު ފުޅާވެގެން ދިއުމުން ބޮޑެތި ބަލިތައް ދެނެގަނެވި ފަރުވާ ދިނުން އަވަސްވެ، ފުރާނަ ސަލަމާތް ކުރަން ވަގުތު ލިބިގެންދާނެކަން ވަޒިރު އަބްދުﷲ ޚަލީލް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ގައިންގަޔަށްނާރާ ބަލިތައް ގިނަވަމުންދާއިރު އެކަން ކޮންޓްރޯލްކުރެވޭނީ ވެސް ޕްރައިމަރީ ހެލްތުކެއާގެ ނިޒާމު ހަރުދަނާކުރެވި އިތުރަށް ފުޅާކުރެވިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އަބްދުﷲ ޚަލީލު ވަނީ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިސްނަވާއިރު އެމަނިކުފާނަށް އެއްބާރުލުން ދޭނެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.