ޚަބަރު

ކޯވިޑް ލޯނަށް އިންޓްރަސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކުރަން ނިންމައިފި


  • ލޯނު ދައްކަން ޖެހޭ މުއްދަތު 10 އަހަރަށް ވަނީ އިތުރުކޮށްފައި

  • އިންޓްރަސްޓް މާފްކުރުމުން އަންނަ ބަދަލުތައް ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް ހިއްސާކުރާނެ

ކޯވިޑާ ގުޅިގެން ދޫކުރި ލޯނުތަކުގެ އަސްލު އަދަދަށް ވުރެ އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކުރުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ނިންމައިފިއެވެ.

އެސްޑީއެފްސީން މިގޮތަށް ނިންމިކަން ހާމަކޮށްފައިވަނީ ކޯވިޑާއި ގުޅިގެން ކުރީގެ ސަރުކާރުން ދޫކުރި ލޯނުތަކުގެ ހުރިހާ އިންޓްރަސްޓެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަޢާފްކޮށްދެއްވުމާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން އެސްޑީއެފްސީން އަމަލުކުރަން ހަމަޖެހިފައިވާ ގޮތް އެކުންފުނިންވަނީ ހާމަކޮށްފައެވެ.

އެސްޑީއެފްސީން ބުނީ ކޯވިޑާއި ގުޅިގެން ކުރީ ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކަށް އިންޓްރަސްޓުގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ފައިސާ ލޯނުގެ އަސްލު އަދަދުން އުނިކުރެވޭނެކަމަށެވެ. މިގޮތަށް އުނިކުރުމުން ލޯނުގެ އަސްލު އަދަދަށް ވުރެ އިތުރަށް އެއްވެސް ފައިސާއެއް ދެއްކިފައިވާނަމަ އެ ފައިސާ އަނބުރާ ލޯނު ނެގި ފަރާތަށް ރައްދުކުރާނެކަމަށް އެސްޑީއެފްސީން ހާމަކުރެއެވެ. އެސްޑީއެފްސީން ބުނީ މިހާތަށް ލޯނު އަނބުރާދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކަށްވެސް ލޯނުގެ އިންޓްރަސްޓްގެ ގޮތުގައި ދައްކާފައިވާ އަދަދު އަނބުރާ ރައްދު ކުރާނެކަމަށެވެ.

އެސްޑީއެފްސީން ބުނީ ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނުގެ އިންޓްރަސްޓް މާފްކުރުމުން އަންނަ ބަދަލުތައް ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް، އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފްތާ ތެރޭގައި ހިއްސާ ކުރާނެކަމަށެވެ.

މީގެ އިތުރުން ކޯވިޑް-19 ވިޔަފާރި އެހީ ލޯނުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދޭނެކަމަށްވެސް އެސްޑީއެފްސީން ހާމަކުރެއެވެ. އެގޮތުން ލޯން އަނބުރާ ދެއްކުމުގެ މުއްދަތު ލޯނު ދޫކުރި ތާރީޚުން ފެށިގެން 10 އަހަރަށް އިތުރު ކޮށްދޭނެކަމަށްވެސް އެސްޑީއެފްސީން ބުނެއެވެ.

ކޯވިޑް-19އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން 352.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 846 ފަރާތަކަށްވަނީ 201.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ.