ލ.ގާދޫގައި ބަންކަރިން ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ލ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ، ކައްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މީގެއިތުރުން ގާދޫގައި ބަންކަރިން ޕޯޓެއް އެޅުމުގެ މަސައްކަތްވެސް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކައްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައި. އެގޮތުން ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. އަދި ގާދޫގައި ބަންކަރިން ޕޯޓެއްގެ މަސައްކަތް އެމްޕީއެލްއާއިއެކު ކުރިއަށްގެންދިއުމުގެ މަސައްކަތްވެސް މިހާރު އެވަނީ ތައްޔާރުވެފައި. މިހިރީ ލ.އަތޮޅަށް މީގެ ދުވަހަކުވެސް ނާންނަ ވަރުގެ ބޮޑެތި މަޝްރޫޢުތައް." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށުމަށެވެ. އެގޮތުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި ވިޓޯލް ބަންކާސްއާއެކު ޓާރމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި ތައްޔާރީތައް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ބަންކަރިންގެ ޚިދުމަތް ދޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ. ފުރަތަމަ ފިޔަވައްސަކީ އޮފް-ޕޯޓް ބަންކަރިންއެވެ. 2 ވަނަ ފިޔަވަހީގައި ޕޯޓެއް ތަރައްޤީކުރުން ހިމެނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.