އީ-ޕެޓިޝަން ނިޒާމާ ގުޅޭގޮތުން އެކުލަވާލާފައިވާ ސިޔާސަތު ކަރުދާހަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.
މިނިޒާމަކީ ރާއްޖޭގެ ދިމިޤްރާތީ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި ހާމަކަންބޮޑު އަދި ޖަވާބުދާރީ ކުރުވުމަށް މިހާރު އަމަލުކުރަމުން އަންނަ ޕެޓިޝަން ނިޒާމު ޒަމާނީކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން ތައާރަފު ކުރުމަށް ނިންމާފައިވާ ނިޒާމެކެވެ. މިނިޒާމު ތައާރަފުކުރުމަށް އެކުލަވާލާފައިވާ ކަރުދާހުގައި އީ-ޕެޓިޝަން ނިޒާމުގެ މުހިންމު ކަމާއި ބެސްޓް ޕްރެކްޓިސް އާއި އަރުޝީފު ކުރެވޭ ގޮތާއި ދައުލަތުގެ މުއައްސަސާތަކުން ޖަވާބުދާރީވާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.
އީ-ޕެޓިޝަން ނިޒާމަކީ ވަކި އުމުރުފުރާއެއް ނެތި ކޮންމެ މީހަކަށްވެސް ޕެޓިޝަން ހުށަހެޅޭ ގޮތަށް އޮންނަ ނިޒާމަކަށް ހެދުމަށްޓަކައި ޑިޖިޓަލް އައިޑީ ބޭނުންކޮށްގެން ވަދެވޭ ގޮތް ހެދުމަށް ވެސް ވަނީ ނިންމާފައެވެ. މި ނިޒާމު ބައްޓަން ކުރެވިފައިވަނީ ޕެޓިޝަނުގެ ސައްހަކަން ކަށަވަރުކުރުމަށާއި ޑުޕްލިކޭޝަން ހުއްޓުވުމަށް ކޮންމެ މީހަކަށް ވެސް ޕެޓިޝަނުގައި ސޮއިކުރުމުގެ ހުއްދަ އެއްފަހަރު ދެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ކަރުދާހުގައި ވަނީ ބަޔާންކޮށްފައެވެ.
މިނިޒާމުގެ ދަށުން ހުށަހަޅާ ޕެޓިޝަންތައް މަޖިލީހަށް ބަލައިގަންނާނީ އެ މަޖިލީހުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައުޟޫއަކަށް ބިނާކޮށް މަގުސަދު ސާފުވާނެހެން ހުށަހެޅުމުންނެވެ. ބަސްމޮށުންތެރިކަން އަދަބު އަޚުލާގީ މިންގަނޑަށް ނުފެތޭ ޕެޓިޝަންތަކާއި އެއްވެސް ފަރުދެއްގެ އަބުރަށް އުނިކަމެއް އަންނާނެ ފަދަ އިބާރާތްތައް ބޭނުންކޮށްފައިވާ އަދި ނަފްރަތު އުފައްދަން ހިތްވަރުދޭފަދަ ޕެޓިޝަންތައް މި ނިޒާމުގެ ދަށުން ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.
އީ-ޕެޓިޝަން ނިޒާމު ގާއިމުކުރުމަށް އެކުލަވާލާފައިވާ ކަރުދާހުގައިވާގޮތުން އީ-ޕެޓިޝަނެއްގައި ރާއްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކޮށްފިނަމަ އެ މައްސަލަ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކުރުމަށްފަހު ފިޔަވަޅު އެޅުމާއެކު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ. އަދި ޕެޓިޝަން ހުށަހަޅާތާ 21 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް މަޖިލީހުން ޖަވާބުދާރީވާން ޖެހެއެވެ.
މީގެ އިތުރުން އާބާދީގެ 0.5 އިންސައްތަ މީހުން އީ-ޕެޓިޝަންގައި ސޮއިކޮށްފިނަމަ އެ ޕެޓިޝަނަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ފޮނުވާނެއެވެ. އަދި 50 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް މަޖިލީހުން ޖަވާބުދާރީވާން ޖެހޭނެއެވެ.
މި ނިޒާމާ ގުޅޭ ކަރުދާހަށް އާންމުން ހުށަހަޅަން ބޭނުންވާ ޚިޔާލު 29 އޭޕްރިލްވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އީމެއިލްގެ ޒަރިއާއިން ފޮނުވުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ. އަދި މި ނިޒާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި މަހުގެ 24 އަދި 25 ވަނަ ދުވަހު ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.