ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝާނުގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު އާއި ކުންފުނީގެ އިސްވެރިން، މިއަދު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރައްވާ މަސައްކަތް ބައްލަވާލައްވާފައިއެވެ.
ހދ.ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަކަށްވުމާއި، ގިނަ ޚިދުމަތްތަކެއް ހޯދުމަށް ކޮންމެދުވަހަކުވެސް ސަރަޙައްދުގެ އެހެން ރަށްތަކުން ގިނަ ބަޔަކު އަރާ ފައިބާ ރަށެކެއެވެ. އެހެންކަމުން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގެ ސަބަބުން ގިނަ ގޮންޖެހުންތަކާއި ދަނީ ކުރިމަތިވަމުންނެއެވެ. މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި އެރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ދިޔައީ މަސައްކަތް ކުރަމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައިކަމަށެވެ. އެގޮތުން ކަރަންޓު އުފެއްދޭ މިންވަރަށް ވުރެއް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުން މެންދުރު 12 އިން 7 އާދެމެދު އެއްގަޑިއިރަށް ކަރަންޓު ކަޑަމުންދާކަމަށެވެ. މިއީ ރައްޔިތުންނަށް އެތައްގޮތަކުން އުނދަގޫވާނެ ކަމެއްކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.
ހދ.ކުޅުދުއްފުށި ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގެނެވުނު 800 ކވ ގެ ޖަނަރޭޓަރ އިންސްޓޮލޭޝަންގެ މަސައްކަތް ދަނީ ކުރިއަށް.
— Fenaka Corporation Ltd (@TeamFenaka) April 6, 2024
މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު އަދި ކުންފުނީގެ އިސްވެރިން، މިއަދު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރައްވާ މަސައްކަތް… pic.twitter.com/82Jr6v5EAK
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ކުޅުދުއްފުއްޓަށް ގެނެވުނު 800 ކިލޯ ވޮޓްގެ ޖަނަރޭޓަރާއެކު އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެކަމަށެވެ. އަދި އެކި ސަރަހައްދުންތަކުން ކަރަންޓު ކަނޑަމުންދާ ދިއުން ނިމުމަކަށް އަންނާނެކަމަށް ފެނަކައިން މަޢުލުމާތުދެއްވިއެވެ. ފެނަކައިން ވިދާޅުވީ ކުޅުދުއްފުށީގެ އިންސްޓޯލިން ކެޕޭސިޓީއަކީ 7 މެގަ ވޮޓްކަމަށެވެ. އަލަށް ގެނެވުނު ޖަނަރޭޓަރާއެކު އެ އަދަދު 7.8 މެގަ ވޮޓަށް އިތުރު ވެގެން ދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ދަނީ ކަރަންޓު އެންމެ ނާޒުކު ހާލަތުގައި ހުރި ރަށްތައް ދެނެގަނެ، އެރަށްރަށަށް ބޭނުންވާ ޖަނަރޭޓަރުތައް ފޯރުކޮށްދެމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ މިފަހަކަށް އައިސް ބައެއް ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސްވެގެންކަން ފާހަގަކޮށްފައެވެ