އީދު ބަންދާއި ދިމާކޮށް އެކި ސަރަޙައްދުތަކަށް ދަތުރުކުރާ ފަރާއްތަކުން ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މެރިން ޕޮލިސްއިން އިލްތިމާސްކޮށްފިއެވެ.
ކޮންމެ އަހަރުވެސް އީދު ބަންދާ ދިމާކޮށް ގިނަ ފަރާތްތަކުން ޢީދު ޗުއްޓީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރެއެވެ. އެގޮތުން މި އަހަރުވެސް ކުރިއަށްއޮތީ ފިޠުރު އީދު ބަންދަށް ވުމާއެކު އެކި ސަރަހައްދުތަކަށް ދަތުރުކުރާއިރު ސަމާލުކަން ދޭންވީ ކަންކަން ސަލާމަތީ ބާރުތަކުން ގެންދަނީ ހާމަކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭ ގޮތުން ކޯސްޓްގާޑް ޝިޕް ޣާޒީގެ ކޮމާންޑިން އޮފިސަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ނަޢީމް ވިދާޅުވީ ތާކަށް ދަތުރު ފެށުމުގެ ކުރިން މޫސުމަށް ބެލުމަކީ މުހިންމުކަމެއްކަމަޢެވެ. އެގޮތުން ދާން ބޭނުންވާ ތަނުގެ މޫސުން ލަފާކުރާގޮތް ބަލާ އޮޅުންފިލުވައިގެން ދަތުރު ފެށުން މުހިއްމުކަމަށް ނައީމް ވިދާޅުވިއެވެ.
މޫސުމަށް ނުބަލާ ދަތުރު ކުރުމުގެ ސަބަބުން ހިނގާ ޙާދިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ ސިފައިންނާ ޢާއްމު ރައްޔިތުންނަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވާކަމަށެވެ. ނައީމް ވިދާޅުވީ ދަތުރު ކުރުމުގެ ކުރިން ހިޔާރު ކުރެވިފައިވަނީ ދަތުރުފަތުރުކުރުމަށް ރައްކާތެރި އުޅަނދެއްތޯ ބެލުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"އެ އުޅަނދަކީ ދަތުރުކުރުމަށް އެކަށޭނަ އުޅަނދެއްތޯ ބެލުން. ދާންބޭނުންވާ ދުރުމިނަށް ދާއިރު އުޅަނދުގައި ތެޔޮ ހުރިތޯ ބެލުން. ބޯފެން ހުރިތޯ، ކަނޑު މަތީގައި ދިމާވެދާނެ ފަސްޓް އެއިޑް ހުރިތޯ، އެންމެ ކުޑަ ގޮތަކަށް ދަންނަވާނަމަ ލައިފް ޖެކެޓް ހުރިތޯ. ދެން އުޅަނދެއްގައި ފުރިހަމަވާންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވެފައިތޯ ބެލުމަކީ މުހިންމު ކަމެއް" ނައީމް ވިދާޅުވިއެވެ.
ކޯސްޓްގާޑް ޝިޕް ޣާޒީގެ ކޮމާންޑިން އޮފިސަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ނަޢީމް ވިދާޅުވީ ދަތުރުރައް ފެށުމުގެ ކުރިން އެ އުޅަނދެއްގައި މުވާސަލާތީ ގޮތުން ބޭނުން ކުރާތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަކީވެސް ކުރުން މުހިންމުކަމެއްކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކަނޑުމަތީގެ ހާދިސާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އިންޖީނު ހުއްޓިގެން ދިމާވާ ހާދިސާތަކާއި ފަރަށް އަރައިގެންކަމަށް ދިމާވާ ހާދިސާތަކެވެ.
އާންމުކޮށް ދިމާވާ ހާދިސާތައް ހިނގަނީ އުޅަނދުތަކުގައި އެފަދަ ހާދިސާއެއް ދިމާވާ ހާލައްތަކުގައި އެކަމުން އަރައިގަންނަން ބޭނުން ކުރާނެ ވަސީލައްތައް މަދުވުމުންކަމަށް ކޯސްޓްގާޑް ޝިޕް ނޫރައްދީންގެ ކެޕްޓަން ސާޖަންޓް ފަސްޓް ކްލާސް އިބްރާހީމް ދީދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ހާދިސާތައް މަދު ކުރެވޭނީ އުޅަނދުގައި ހުންނަން ޖެހޭ ތަކެތި ހަމަކޮށް ހެދިފައިވާ ގަވައިދުތަކަށް ބޯލަނބައިގެންކަމަށެވެ.
"ބައެއް ފަހަރު ޗެކްކޮށްފައި ފެށިކަމުގައި ވިއަސް އަޅުގަނޑުމެން އޮންނަ ޔަގީންކަމެއްގެ ބޮޑުކަމުން ބައެއް ފަހަރު ޗެކް ނުކުރެވޭ ތެޔޮ ހުރި ވަރު. ތެޔޮ ހުސްވެގެންވެސް އިންޖީނު ހުއްޓޭ. މީގެ އިތުރުން ރޫޓިންކޮށް ކުރަން ޖެހޭ މެއިންޓަނަސް މަސައްކަތް ނުކުރެވޭތީވެސް މިހެން އެބަ ދިމާވޭ" އިބްރިމް ދީދީ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ބަންދާދިމާކޮށް އުޅަނދުތަކުގައި ސަލާމާތީ ވަސީލައްތައް ހުރި ނެތްގޮތް ބެލުމަށް ތަފާތު ޕްރޮގްރާމްތައް ސަލާމަތީ ބާރުތަކުން ދަނީ ހިނގަމުންއެވެ. އެގޮން މި އަހަރުވެސް އުޅަނދުތައް ބަލާ ފާސްކޮށް ސަމާލުކަން ދޭންވީ ކަންކަމާއި ސަލާމަތީ ވަސީލައްތައް ވަރުގަދަ ކުރުމަށް ކުރަން ޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަތް ދާނެކަމަށް މެރިން ޕޮލިސް އިން މައުލޫމާތުދެއެވެ.