މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލްއަށް ޝިޕިން އެޖެންޓުން ދައްކަމުން އަންނަ ސްޓިވަރޑޯރިން ފީ ޑޮލަރުން ދައްކަންޖެހޭގޮތައް ބަދަލުގެނެސްފިއެވެ. މި ފީއަކީ ކުރިން އެ ކުންފުންޏަށް ޑޮލަރުން ދައްކަމުން އައި ފީއެކެވެ. ނަމަވެސް 2011 ވަނަ އަހަރުގެ ތެރޭގައި ވަނީ މި ފީ ދިވެހި ރުފިޔާއިން ދެއްކޭގޮތައް ބަދަލުގެނެސްފައެވެ.
މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލްއިން ބުނީ، ޝިޕިން އެޖެންޓުންނާއި ޝިޕް އޯނަރުން ދައްކަމުން އަންނަ ސްޓިވަރޑޯރިން ފީ ޑޮލަރުން ނެގުމަށް ނިންމާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމަށެވެ.
މި ފީއަކީ ދިވެހި ވިޔަފާރިވެރިން މުދަލަށް އޯޑަރު ކުރާއިރު މުދަލުގެ އަގާއިއެކު ދައްކަމުން އަންނަ ފީއެކެވެ. ނަމަވެސް 2011 ވަނަ އަހަރު ގެނައި ބަދަލާއިއެކު މި ފީ، ޝިޕިން އެޖެންޓުން ދައްކަމުން އަންނަނީ ދިވެހި ރުފިޔާއިންނެވެ.
މި ބަދަލާއި ގުޅޭގޮތުން އެމްޕީއެލްއިން ބުނީ މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ އިތުރުވެ ރާއްޖޭގެ ބާޒާރުގައި ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން ހައްލުވުމަށް އެހީތެރިވެދޭނެކަމަށެވެ. މި ބަދަލު ގެނައުމުގެ އެންމެ މުހިންމު އެއް ބޭނުމަކީވެސް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރު ހިފެހެއްޓުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ބަދަލުގެ ސަބަބުން އެމްޕީއެލްގެ ޑޮލަރުގެ އާމްދަނީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރަށް އަރާނެކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފައެވެ. އެ ކުންފުނިން ބުނީ އާންމު އެހެން ވިޔަފާރިތަކުން ދައްކަންޖެހޭ ފީތައް މިހާރުވެސް ދައްކަމުންދާނީ ރުފިޔާއިން ކަމަށެވެ. އިތުރު އެއްވެސް ފީއެއް ދެއްކުން ޑޮލަރަށް ބަދަލުކޮށްފައެއް ނުވެއެވެ.
ސްޓިވަރޑޯރިން ފީއަކީ މުދާ އުފުލާ ބޯޓުފަހަރު އެމްޕީއެލްގެ ބަނދަރަށް ބަނދަރުކޮށް މުދާ ބޭލުމުން ނަގާ ފީއެކެވެ. މި ފީނަގަނީ 20 ފޫޓުގެ ކޮންޓެއިނަރަކުން 198 ޑޮލަރުގެ މަގުންނެވެ.