ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ އެމްބަސީއަށް ޔަހޫދީ ފައުޖުން ދިން ނުރައްކާތެރި ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ޔަހޫދީންގެ މި ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ 7 މުޝީރުންނާއި އިސް 3 ކޮމާންޑަރުން ޝަހީދުކޮށްލާފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓައް ބުނެއެވެ. އަދި އީރާނުގެ ޚާރިޖިއްޔާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްވެސް ޝަހީދު ކޮށްލާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ޙަމަލާއާ ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި މި ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޤައުމުތަކުގައި ހުންނަ މިފަދަ ޑިޕްލޮމެޓިކް މިޝަންތަކަށް އަމާޒުކޮށް ޙަމަލާ ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފުކަމެއްކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ބަޔާނުގައި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކުގެ މެންބަރުންނަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.
މި ޙަމަލާއަކީ ޒަޔަނިސްޓު އިސްރާއީލާއި އީރާނާ ދެމެދު އޮތް ނުތަނަވަސް ކަން އިތުރަށް ހޫނުވާނެ އަމަލެއްކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޙަމަލާތަކުގައި އީރާނުގެ އެމްބަސީ ޢިމާރާތުގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަ ކޮށްލާފައެވެ. ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތްކޮށް, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ހޯދަން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.