ޚަބަރު

ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެންޓި ޑިފެކްޝަންގެ ބިލު ފާސްކޮށްފި


  • އަމިއްލަ ގޮތުން ހޮވޭ މެންބަރުން ޕާޓީއަކާ ގުޅިއްޖެނަމަ އިސްތިއުފާ ދޭން ޖެހޭ

  • ކައުންސިލްތަކުގެ މެންބަރުން ވެސް އިސްތިއުފާ ދޭން ޖެހޭ

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުން އެމެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފިއެވެ.

މި ބިލު މިއަދު ފާސްކޮށްފައިވަނީ 33 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 6 މެންބަރަކު ވޯޓު ދެއްވިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އުފެއްދިއިރު އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވީ އެމްޑީޕީގެ މެންބަރުންނެވެ.

އެންޓި-ޑިފެކްޝަން ބިލުގައިވާގޮތުން އެއްވެސް މެންބަރަކު އެ މެންބަރަކު އިންތިޚާބުވެފައިވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އަމިއްލަ ގޮތުން ހޮވޭ މެންބަރަކު ޕާޓީއެއްގެ މެންބަރަކަށްވުމުން ނުވަތަ އެހެން ޕާޓިއެއްގައި ދަފްތަރުވުމުން މެންބަރުކަމުން ވަކިވާނެއެވެ. އެ ބިލުގައިވާގޮތުން އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނީ އަމިއްލަފުޅަށެވެ. މެންބަރުންނަށް އިސްތިއުފާ ދިނުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އެއްވެސް މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މެންބަރުންނަށް ލިބެއެވެ.

ބިލު ހުށަހެޅިއިރު މެންބަރު ވަކި ކުރުމުގެ އިހުތިޔާރު، ދާއިރާގެ ރައްޔިތުންނަށް ލިބޭ ގޮތަށް އޮތް ނަމަވެސް ކޮމިޓީ މަރުހަލާގައި ވަނީ އެ މާއްދާ އުނިކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް މެންބަރުން ވެސް ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭން ޖެހޭނެއެވެ.