ޚަބަރު

ޕީޕީއެމް/ޕީއެންސީއަކީ ދެޕާޓީއެއްކަމަށް ނުދެކެން، އޮތީ ވަރަށް ބަދަހިކޮށް: ރައީސް


  • ޕީޕީއެމް/ޕީއެންސީއަށް ރައީސް ދިރުމެއް ދޭން ބޭނުންނުވާކަމަށް ތުހުމަތުކުރި

  • ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އެވާހަކަތަކާ ދެކޮޅު

  • ލީޑަރޝިޕުން ވިދާޅުވީ މަސައްކަތްކުރަނީ އެއް ޕާޓީއެއްގެ ގޮތުގައިކަމަށް

ޕީޕީއެމާއި ޕީއެންސީއަކީ ދެ ޕާޓިއެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށައި، ދެ ޕާޓީން މަސައްކަތްކުރަނީ ވަރަށް ބަދަހިކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަން ސަރުކާރެއްކަށެވެ. އެ ކޯލިޝަނާއި ގުޅިގެން އެމްއެންޕީ އަދި އެމްޑީއޭ މަސައްކަތްކުރާކަމަށާއި، އެ ހަތަރު ޕާޓީގެ ތެރޭގައި އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް މަޖިލިސް އިންތިޚާބުގައިވެސް އެމްއެންޕީގެ ލީޑާރވެސް އަދި އެމްޑީއޭގެ ލީޑާރވެސް އަޅުގަނޑުމެން ސްލޮޓް ހަމަޖައްސައިދީގެން ވާދަވެސް އެބަކުރައްވާ. އަދި އަޅުގަނޑުމެންނާ ސީދާ އެކަހަލަ ގުޅުމެއް ނެތްނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑާރވެސް ހަމަ އަޅުގަނޑުމެންނާ އެކީ އެވަނީ މާމިގިލީ ދާއިރާވެސް ހަމަޖައްސައިދީފަ. އެހެންވީމަ އެއްވެސް ވަރެއްގެ ޚިޔާލުތަފާތުވުމެއް ނޫނިއްޔާމު ފްރިކްޝަނެއް ނެތް. ޕީޕީއެމް/ޕީއެންސީ އަމުދުން އެކީގަ މިއޮތީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް ޕީއެންސީއަކީ އެއް ބައެއްކަމަށާއި، އެއީ ދެޕާޓީއެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. ދެޕާޓީން މަސައްކަތްކުރަނީ އެއް ޕާޓީއެއްގެ ގޮތުގައިކަމަށާއި، އޮތީ ވަރަށް ބަދަހި ގުޅުމެއްކަމަށާއި ވަރަށް ރަނގަޅަށް ދެޕާޓީގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ.

"އަޅުގަނޑުމެންނާ ދެކޮޅު ޕާޓީތައް ދެކޮޅު. އެހެނަސް އެއީއެއް ނޫން ޑިމޮކްރަސީގައި ކަން އޮންނަންޖެހޭނެ ގޮތަކީ. މިރާއްޖޭގަ މިގޮތަށް ހިނގިޔަސް ތަހުޒީބުވެފައިވާ ޤައުމުތަކުގަ ޒިންމާދާރުވާނެ އިދިކޮޅު ފަރާތްތަކުން. ޒިންމާދާރުވުމަކީ ތެދު ހަގީގަތަށް ކަންކަންކުރުން. ސަރުކާރުން ރައްޔިތުންނާ ޤައުމަށް ފައިދާހުރި ކަންކަން ކުރަންޔާ އެކަން ބަލާގަންނާނެ. އަދި ކުރާކަމެއް އެންމެ ރަނގަޅަށް ނުކުރެވޭ ކަމަށްވަންޔާ އެކަމެއް ރަނގަޅުކުރަންއެ މީހުން ގެންގުޅޭ ސިޔާސަތު ހާމަކުރަނީ. އެއީ ޒިންމާދާރު އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ގޮތަކީ. އެކަމެއް ރާއްޖެއަކުން ނުފެނޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުޢިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. މިއާއެކު ޕީޕީއެމް އަދިޕީއެންސީގެ ލީޑަރޝިޕުން ވަނީ ރައީސް ޔާމީންގެ އެ ވާހަކފުޅާ ދެކޮޅަށް ތެތުވެވަޑައިގެންފައެވެ. އަދި ޢާންމު މެންބަރުންވެސް ވަނީ ރައީސް ޔާމީންގެ އެ ވާހަކަފުޅު ދޮގުކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީގެ ސަފުތަކަށް ހީނަރުކަން ނާންނަކަމަށާއި، އެދެޕާޓީގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށްކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ވަނީ ހާމަކުރައްވާފައެވެ. އެ ދެޕާޓީން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުކަމާއި ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވަމުންކަމަށްވެސް ލީޑަރޝިޕުން ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމް/ޕީއެންސީގެ ރައީސްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ހުއްޓުމެއްނެތި އެތައް ކުރިއެރުމެއް ހޯއްދަވަމުންކަމަށާއި، ޕީޕީއެމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަޤީގަތާ ޚިލާފު ވާހަކަދައްކަވާ ރައްޔިތުންގެ ނަފުރަތު މިސަރުކާރަށް އަމާޒުކުރުވަން މަސައްކަތެއް ނުކުރައްވާނެކަމަށްވެސް ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.