ޚަބަރު

ހުޅުމާލޭ ޗެކް ޕޮއިންޓެއް ކައިރީ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ އެތެރޭގެ ތަޙުޤީގެއް ހިންގަނީ


  • މިހާދިސާ ހިނގީ ފޭސް 2ގެ ފުލުހުންގެ ޗެކްޕޮއިންޓެއް ކައިރީގަ

  • ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ކުއްޖެއް

  • މިހާދިސާއާ ގުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފަ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެހިކަލް ޗެކްޕޮއިންޓަށް މަޑުނުކޮށް ދިޔަ 17 އަހަރުގެ ކުއްޖާއަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލައިގަ ފުލުހުންގެ އެތެރޭގެ ތަހުޤީގެއް ހިންގަން ނިންމައިފިއެވެ.

ރޭ 22:05 ހާއިރު ހިންގި މި ހާދިސާއާއި ގުޅިގެން މީސް މީޑިއާގައި ފުރަތަމަ ދައުރުވީ، ފުލުހުން 17 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލާދިން ކަމަށް ބުނެއެވެ. ނަމަވެސް މިއަދު ހެނދު ފުލުހުންވަނީ އެކަން ދޮގުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ އެ ހަދިސާ ހިންގަން މެދުވެރިވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ކަމަށެވެ. އަދި ވެއްޓުނު މީހާ އަތުގައި ލައިސެންސް ނެތް ކަމަށް ޝިފާން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޝިފާން މިރޭ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ފުލުހުންގެ އެތެރޭގެ ތަހުޤީގެއް ހިންގުމަށް ފުލުހުންގެ ޚިދުމަތުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލް އޭނާ ހާމަކުރައްވާފައިނުވެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުންގެ އެތެރޭގައި ތަހުޤީގެއް ހިންގާނެކަން ހާމަކޮށްފައިވާއިރު، އެ ހަދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖްތަކާއި، މި ހާދިސާއާ ގުޅުންހުރި އިތުރު ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.