ޚަބަރު

މެލޭޝިއާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


  • މިކަމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައި

  • މިއަހަރު ދަތުރުތައް ފަށާނެ

މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މެލޭޝިއާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ. މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މެލޭޝިއާ އެއަރލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށްޓަކައި އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި މެލޭޝިއާ އެއަރލައިނާއި ދެމެދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެލޭޝިއާގައި މިހާރު ކުރިއަށްދާ މާޓާ ފެއަރގެ ތެރެއިންނެވެ.

އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ބައްސާމްއެވެ. އަދި މެލޭޝިއާ އެއަރލައިންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރ ޑެރެނިޝް އަރެސަންދިރަންއެވެ.

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާނެއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުކަމަށް މައުލޫމާތުލިބެއެވެ.

މެލޭޝިއާ އެއަރލައިނުން ބުނީ މިއީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށައި އެއަރލައިން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއްކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

މެލޭޝިއާއަކީ މިހާރު ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ ޤައުމެކެވެ. އަދި ތަފާތު އެކި ބޭނުންތަކަށް އެ ޤައުމަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރެވެ. އަދި މެލޭޝިއާގެ ފަތުރުވެރިންވެސް ރާއްޖެއަށް ދަތުރުކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު އެ ޤައުމުން ރާއްޖެއަށް 13000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެކުރިންވެސް މެލޭޝިއާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ކުރިއެވެ. ނަމަވެސް އެ ދަތުރުތައް މެދުކަނޑާލިތާ އަހަރުތަކެއް ވަނީ ވެފައެވެ.