ރަޝިޔާގެ ވެރިރަށް މޮސްކޯގައި ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއްގައި ގިނަ ބަޔަކު މަރުވުމާގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މޮސްކޯގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލްގެ ތެރެއަށް ހަތިޔާރު އެޅި ބަޔަކު ވަދެ މި ޙަމަލާދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 133 އަރާކަމަށް ރަޝިޔާގެ ސްޓޭޓް އިންވެސްޓިގޭޓިވް ކޮމެޓީއާ ޙަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވެއެވެ.
މި ޙަމަލާއާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ވީ ލަވްރޯވްއަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި މި ޓެރަރިސްޓް ހަމަލާގައި ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވެފައިވާތީ އެކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މި ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ޢާއިލާތަކަށް ހަމްދަރުދީ ފޮނުއްވައި، ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭކަމަށްވެސް ވިދާޅުވިއެވެ.
ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ރަޝިޔާގެ ސަރުކާރާއި، ރައްޔިތުންނާއެކު ތިބިކަން ޚާރިޖީ ވަޒީރުގެ މި މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައި މިކަން ތަޙުޤީޤުކުރަމުންދާއިރު، މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މީގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި 4 މީހަކުވެސް ހިމެނޭކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ވިދާޅުވެފައެވެ. މި ޙަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމަޢާއަތެއްކަމަށްވާ އައިއެސްއިން ނަގާފައިވާއިރު، މިކަމުގެ ފަހަތުގައި ޔޫކްރެއިންގެ އަތެއްވާކަމަށްވެސް ރަޝިޔާގެ ބައެއް އޮފިޝަލުން ތުޙުމަތުކުރާކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކެމޮފްލާޖް ޔުނިފޯމްތަކެއްގައި ތިބި ބަޔަކު ކްރޮކަސް ސިޓީ ކޮންސަޓް ހޯލްގެ ތެރެއަށް ވަދެ ބަޑިއާއި ގްރެނޭޑް ފަދަ ހަތިޔާރު ބޭނުންކޮށްގެން ދިން މި ޙަމަލާގެ ސަބަބުން އެ ކޮންސަޓް ހޯލުގައިވެސް ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިއީ 1991 ގެ ފަހުން ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާ ތަނަކަށް އަމާޒުކޮށް، ރަޝިޔާގައި މިހާ ނުރައްކާތެރި ޙަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.