ޚަބަރު

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލާގައި 3 މީހަކަށް ދައުވާކުރަން ފޮނުވައިފި


  • 1.6 މިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދިފައި

  • ދައުވާކުރާ 3 މީހުގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ

  • އާރުޑީސީގެ ޚިޔާނާތުގެ މައްސަލަވެސް ނިމުމަކާ ގާތަށް ވަނީ އައިސްފައި

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 1.8 މިލިޔަން ރުފިޔާ ނެގި މައްސަލާގައި ކުޑަކުއްޖަކު ހިމެނޭހެން 3 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފުނުވައިފިއެވެ.

މިދިޔަ މަހުގެ 13ވަނަ ދުވަހު މީހެއްގެ އެކައުންޓުން އެކި ފަހަރު މަތިން 2 އެކައުންޓަކަށް 1.8 މިލިއަން ރުފިޔާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ފުލުހުން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ، މި މައްސަލައިގެ ތަހުގީގް މިހާރު ފުރިހަމަ ކުރެވިފައިވާކަމަށެވެ. އަދި މި މައްސަލާގައި ހިމެނޭ 1.8 މިލިއަން ރުފިޔާގެ ތެރެއިން މުދަލާ ފައިސާ ހިމެނޭހެން 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ލޫޠު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމުޢިއްޔާއެއްގެ އެކައުންޓުން 5 ލައްކައަށްވުރެ ގިނަ ރުފިޔާ މަކަރާ ހީލަތުން އަތުލާފައިވާ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލޫޠު ވިދާޅުވީ ޖަމުޢިއްޔާގެ އެކައުންޓުން އޮޅުވާލައިގެން ފައިސާ ހޯދުމަށް ފޯނުކޯލު ކޮށްފައިވަނީ މާފުށީ ޖަލުންކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާގޮތުގައި އެ ފައިސާ 40 ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މާފުށީ ޖަލު ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ ތަކެތި ހޯދިފައިވާކަމަށްވެސް ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވިއެވެ.

"ޖަލު ބަލާ ފާސްކުރުމުން 22އަށް ވުރެ ގިނަ ސްމާޓް ފޯނާއި، ސިމް ކާޑުތަކާއި، ސްޓޯރޭޖު ޑިވައިސްތަކާއި، ބެޓްރިއާއި، ޕަވަރބޭންކާއި ހެޑުސެޓުފަދަ އާލާތްތައްވެސް ފެނުނު" ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މީގެ އިތުރުން އާރުޑީސީގެ ޚިޔާނާތުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ލޫޠު ވިދާޅުވީ މި މައްސަލާގައި ތުހުމަތުކުރެވޭ 3 މީހަކާ ސުވާލުކޮށް ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާކަމަށެވެ. ކޯވިޑްގެ ތެރޭގައި އެ ކުންފުނީގެ ފައިސާ އެކުންފުނީގެ އިސް ވެރިންގެ އެކައުންޓަށް ޖަމާކޮށް ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑުގެ ޙާލަތު ނިމުނުއިރުވެސް އެކަމަށް ބަދަލު ނުގެނެސް އޮޅުވާލައިގެން އަދި މަކަރާ ހީލަތުން ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފާހަގަވެފައިވާކަމަށް ވިދާޅުވިއެވެ. މި މައްސަލަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަހުގީގް ފުރިހަމަކޮށް ދައުވާކުރަން ފޮނުވޭނެކަމަށް ލޫޠު ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ މި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާކަމަށެވެ. އަދި މިއިން ކޮންމެ ޓްރާންސެކްޝަން އެއްގެ ތެރޭގައި އެތަކެއް މީހަކާއި ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށާއި އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށްވެސް ފުލުހުން ވިދާޅުވެފައިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ހިޔާނާތްތެރިވިކަމަށް ބެލެވޭ ފައިސާ ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށްވެސް ވަދެފައިވާކަން ތަހުޤީޤަށް ހާމަވާކަމަށެވެ.