ޚަބަރު

ކައުންސިލްތަކުން ނެރޭ ބަޔާންތަކާ ގުޅިގެން ސަރުކާރުން ފިޔަވަޅެއް ނާޅާނަން: އާދަމް ޝަރީފް


  • ވަޒީރު ވިދާޅުވީ ޤާނޫނު މަތިކުރާ މަސައްކަތް އެއިދާރާއަކުން ކުރާނެކަމަށް

  • ސަރުކާރުން ފިޔަވަޅެއް އަޅަން ނާންގާނެކަމަށް ވިދާޅުވި

  • ވަޒީރު ވަނީ ޤާނޫނުގެ އިމުން ކަންކަން ބެލުމަށް އެދިވަޑައިގެންފައި

ކައުންސިލްތަކުން ނެރޭ ބަޔާނަކާ ގުޅިގެން ސަރުކާރުން ފިޔަވަޅު ނާޅާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވާހަކަދެއްކެވީ ރައީސްގެ ދަތުރުފުޅަކާ ގުޅޭގޮތުން ނ.ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަކާ ގުޅިގެން އެލްޖީއޭއިން އެ ކައުންސިލަށް އެންގި އެންގުމާ ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގަމުންދާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ޤާނޫނުގައި އެ އޮތޯރިޓީއަށް އޮންނަ އިޙްތިޞާސްގެ ތެރެއިންކަމަށެވެ. ކަމެއް ނިންމުމުގައި އެލްޖީއޭއިން ޤާނޫނާ ޚިލާފުވެއްޖެނަމަ އެކަމުގެ މެންޑޭޓު އޮންނަ، އެޓަރނީ ޖެނެރަލްގެ އޮފީހުން އެ މައްސަލައެއް ބަލާނެކަމަށެވެ. އަދި ކައުންސިލްތަކުން ކުރާ ކަންކަމުގައި ޤާނޫނާއި ޤަވާއިދުގެތެރެއިން ބަސް ބުނާނީ އެލްޖީއޭއިންކަމަށެވެ.

ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވީ އިދާރާއަކަށް ޤާނޫނުން މަތިކުރާ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ގޮތް ނުކިޔާނެކަމަށެވެ. އަދި ކައުންސިލްތަކުން ނެރޭ ބަޔާނަށް ރައްދުދީ، ސަރުކާރުން އެއްވެސް ކައުންސިލަކަށް ފިޔަވަޅު އެޅުމަކީ ކުރާނެ ކަމެއް ނޫންކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް އިރުޝާދު ދެއްވާފައިވާ ގޮތްކަމަށެވެ.

"ޤާނޫނުން އެ އިދާރާއަކަށް މެންޑޭޓުކޮށްފައިވާ ކަންކަން އެ އިދާރާއަކުން ކުރާނެ. އެލްޖީއޭއަކީ ކައުންސިލްތަކުގެ ރެގިއުލޭޓަރީ ބޮޑީ. އެހެންވީމަ ކައުންސިލް ރެގިއުލޭޓްކޮށް ޖަވާބުދާރީ ކުރުމުގައި އެލްޖީއޭގެ ދަޢުރު އެބައޮތް. އެއްވެސް ކައުންސިލަކުން ބަޔާނެއް ނެރެގެން ސަރުކާރުން އެ ކައުންސިލަކާމެދު ފިޔަވަޅެއް ނާޅާނަން." އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އެންގި އެންގުމާ ގުޅިގެން ބަންޑާރަ ނައިބުވެސް ވަނީ އެލްޖީއޭއަށް ލަފާ އަރުވާފައެވެ. އެލްޖީއޭގެ ސިއީއޯ މަރިޔަމް ޒުލްފާ ވިދާޅުވީ އޭޖީ ލަފާ ދެއްވީ އިންކުއަރީއެއް ހިންގުމަށްކަމަށެވެ. ނަމަވެސް މި ކަމަކީ ކައުންސިލްގެ މަސައްކަތްތައް ހުއްޓިގެންދާނެ ޙާލަތަށްދާ ކަމަކަށް ނުވާތީ، މިފަދަ ޙާލަތްތަކުގައި އެލްޖީގެ ޒިންމާގެދަށުން ނަސޭހަތާއި އިރުޝާދު ދެމުންދާނެކަމަށް ޒުލްފާ ވަނީ ވިދާޅުވެފައެވެ.

"އޭޖީ ޖަވާބެއް އަރުވަނީ މައްސަލަ ފުނަށް ވިސްނަވާފައި އެލަފާ ޤަބޫލުކުރަން. މައްސަލައިގެން މުޢާލާތް ކެނޑޭނެ އެހާ ގިނަ މުއްދަތެއް ނެގީމައި ފިޔަވަޅެއް އަޅަން. ނަސޭހަތް ދިނުމާއި އިރުޝާދު ދިނުމުގެ ޒިންމާ އަދާކުރާނަން." އެލްޖީއޭގެ ސީއީއޯ ޒުލްފާ ވިދާޅުވިއެވެ.

ޒުލްފާ ވިދާޅުވި އެލްޖީއޭއިން އަވަސް ފިޔަވަޅެއް އެޅީ، އެމައްސަލައިގައި އިންކުއަރީއަކަށް ގޮސްފިނަމަ ދިގު މުއްދަތެއް ނަގާ، މުޢާލާތް ކެނޑޭނެތީކަމަށެވެ. އެލްޖީއޭއިން އެންގީ ކައުންސިލުން ނެރުނު ބަޔާނެއް އަނބުރާ ގެންދިއުމަށެވެ.