ޚަބަރު

މުޖްތަމަޢުގެ ދުވެލި ހަލުވިކުރުމަށް އަންހެނުންގެ ބާރުވެރިކަން އިތުރުކުރުން މުހިންމު


  • އަންހެނުންގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަންފެށީ 1911 ވަނަ އަހަރު

  • މި އަހަރުގެ ޝިއާރަކީ އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް'

މިއަދަކީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ އދ.ން ކުރިއަށް ގެންދާ އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް' ނުވަތަ "ކުރިއެރުމުގެ ދުވެލި ހަލުވިކުރުމަށް އަންހެނުންނަށްޓަކައި ވުނަކުރުން" ކެމްޕޭނާ ގުޅުވައިގެންކަމަށް އިޖްތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދެޖިންސުގެ ހަމަހަމަކަން ކަށަވަރު ކުރުމަކީ އދ.ގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންތަކެވެ. އެޖަމިއްޔާއިން ވަނީ އެ މެންޑޭޓު "ސެންޓްރަލް ޓު ދަ ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް ގޯލްސް"ގައި ހިމަނާފައެވެ.

އެގޮތުން ކޮންމެ އަހަރެއްގެ މާރިޗު މަހުގައި ބޭއްވޭ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަން (ސީ.އެސް.ޑަބްލިއު)ގެ 68 ވަނަ ސެޝަން މި އަހަރު ކުރިއަށްދާއިރު، މި އަހަރުގެ ސެޝަންގެ މައިގަނޑު ޝިޢާރަކީ "އެކްސެލެރޭޓިންގ ދަ އެޗީވްމެންޓް އޮފް ޖެންޑަރ އީކުއަލިޓީ އެންޑް ދަ އެމްޕަވަރމަންޓް އޮފް އޯލް ވިމަން އެންޑް ގަރލްސް ބައި އެޑްރެސިންގ ޕަވަރޓީ އެންޑް ސްޓްރެންތެނިންގ އިންސްޓިޓިއުޝަންސް އެންޑް ފައިނޭންސިންގ ވިތް އަ ޖެންޑަރ ޕަރސްޕެކްޓިވް" ކަމަށް އ.ދން ކަނޑައަޅާފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން ޝިޢާރުގެ މަޤްޞަދު ހާޞިލްކުރެވޭފަދަ ބިނާކުރަނިވި ޙަރަކާތްތަކުގައި ބޭނުންކުރެވޭ ބެނަރ ފަދަ ތަކެތީގައި ހޭޝްޓެގްގެ ގޮތުގައި "އިންވެސްޓް އިން ވިމަން" ބޭނުން ކުރުމަށް ރަސްމީކޮށް ވަނީ ނިންމާފައެވެ. އަދި މި ހޭޝްޓެގް ބޭނުންކުރުމަށް އިޖްތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ. އަދި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެ މުއައްސަސާއެއްގެ ބައިވެރިވުން ދައްކުވައިދިނުމަށް ދުވަހާ ގުޅުވައިގެން ފޮޓޯ އަދި އެހެނިހެން މައުލޫމާތު މީސްމީޑިއާގައި ހިއްސާކުރައްވާއިރު ޝިއާރުގެ އިތުރުން "ޖެނެރޭޝަން އީކުއަލިޓީ" މި ހޭޝްޓެގް ބޭނުން ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް މާރޗްމަހުގެ 8 ވަނަ ދުވަހަކީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދަޢުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. ތާރީޚަށް ބަލާލާއިރު މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަންފެށީ 1911ވަނަ އަހަރުގައެވެ.

އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ އެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ ކުރަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމާއި ކުރިއަށްއޮތް ޖީލުތަކުގެ އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި މުޖުތަމައުގައި އެމީހުންނަށް ހައްގުވާ މަގާމު ހޯދައި ދިނުމަށް ބާރުއެޅުމެވެ.

އެގޮތުން މިހާރު ދިވެހި ރާއްޖޭގައިވެސް ނިންމުންތައް ނިންމާ މަރުހަލާގައި އަންހެނުން ތަމްސީލުވާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެތެރޭގައި މިނިސްޓަރުންނާއި، މަޖިލިސް މެންބަރުންނާއި، ކައުންސިލްތަކުގެ މެންބަރުންގެ އިތުރަށް ސަރުކާރާއި އަމިއްލަ މުއައްސަސާތަކާއި ވިޔަފާރީގެ ދާއިރާގައި އިސްކޮށް އަންހެނުން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ. އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކާއި، އިޖުތިމާޢީ ދާއިރާގައި އަންހެނުން ގެންދަނީ ނަމޫނާ ދައްކަމުންނެވެ.

ސަރުކާރުންވެސް އަންނަނީ އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވަޒީފާގެ މައިދާނުގައިވެސް އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދާދީ، އެކަނިވެރި މައިންނަށް ޚާއްސަ ޢިނާޔަތާ، ގޭގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައްވެސް ސަރުކާރުން ވަނީ އަންހެނުންނަށް ފަހިކޮށްދެއްވާފައެވެ.

ތާރީޚުން ފެންނަން އޮތް އެއް ކަމަކީ އަންހެނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދެވިއްޖެނަމަ ގައުމެއްގެ އިޤްތިޞާދުގައި އެމީހުން ބައިވެރިކުރެވިދާނެ ކަމެވެ. އަދި އިޤްތިޞާދުގައި އަންހެނުން ބައިވެރިކުރެވޭ ނަމަ އެގައުމެއް ތަރައްގީވެ ސަރުކާރުން ދެވޭ ޚިދުމަތްތަކުގައި އެންމެހާ ރައްޔިތުން ބައިވެރިކުރެވޭނެއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޖެންޑަރ އިކުއަލިޓީ ޤާނޫނުގެ ސަބަބުން އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެކި ސިފަ ސިފައިގައި އަންހެނުންނަށް ދެވޭ އަނިޔާތައް ހުއްޓުވުމަށް މިވަނީ ޤާނޫނީ ބާރު ލިބިފައެވެ. ނަމަވެސް ޤާނޫނުގައި އޮތް ކަމެއްގެ ގޮތުގައި ބަލައިނުގަނެ، މިކަމުގައި ފަރުދީ ޒިންމާ އަދާކުރުންވެސް މުހިންމެވެ.