ޚަބަރު

61 ޕޮލިސް ސްޓޭޝަނެއް އަޅަން ބޭރުގެ ކުންފުންޏަކަށް ފައިސާދިން މައްސަލައެއް ބަލަނީ


  • މިފައިސާ ދީފައިވަނީ "އޭބީއެލް އިންދްރާ ޕްރޮޖެކްޓްސް ޖޭވީ" ކިޔާ ޖޮއިންޓް ކުންފުންޏަކަށް

  • ޕޮލިސް ސްޓޭޝަން އަޅަން ނިންމީ އިންދްރާ ޕްރޮޖެކްޓްސްއިން

  • މިކުންފުންޏަށް 3.6 މިލިއަން ޑޮލަރު ސަރުކާރުން ދައްކާފައިވޭ

  • މިޖޮއިންޓްވެންޗަރވެސްވަނީ ރޫޅިފައި

  • މިހާތަނަށް އެއްްވެސް މަސައްކަތެއް ކުރެވިފައި ނުވޭ

ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަނެއް އަޅަން އިންޑިއާގެ ދެކުންފުންޏެއް ގުޅިގެން ހަދާފައިވާ ޕާޓްނަރޝިޕަކަށް ދިވެހި ސަރުކާރުން 50 މިލިއަން ރުފިޔާ ދީ އެއަށް ވީނުވީ ނޭގޭތީ އެ މައްސަލަ ބަލާ ތަޙްޤީކުރުމަށް ދިވެހިންގެ ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާގެ ޓީމުން އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ނިމުނު ސަރުކާރުގައި ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް ނިންމާ އެރަށްރަށަށް އެކަން އަންގަވާފައިވާތީ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަޑައިގެންނެވި ރަށްރަށުގެ ކައުންސިލްތަކުން މިކަމާ ގުޅިގެން ސުވާލުކުރައްވާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ބެއްލެވި ބެއްލެވުމުން ފާހަގަކުރެއްވުނު މަޢުލޫމާތު ވަޒީރުވަނީ ޙިއްސާކުރައްވާފައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ 2019 އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަން އެޅުމަށްޓަކައި 41.18 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް އިންޑިއާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސް، އިންދްރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އޭރު ސަރުކާރުން އެކަމަށް އިޖާބަދިނުމުން މިޕްރޮޖެކްޓްގެ ޓާރމްގެ ގޮތުގައި %85 މިޕްރޮޖެކްޓަށް ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ކަމަށާއި އަނެއް %15 ފައިނޭންސް ކުރުވާނީ ދވެހި ސަރުކާރު މެދުވެރިކޮށް ކަމަށް ނިންމާ ޕްރޮޖެކްޓް ޕްރޮޕޯސަލް ހަދާ އެގްރީމެންޓެއް ހަދާފައިވާ ކަމަށެވެ.

އޭގެފަހުން 12 އޮކްޓޫބަރު 2022ވަނަ ދުވަހު އިންދްރާ ޕްރޮޖެކްޓްސް "އޭބީއެލް އިންދްރާ ޕްރޮޖެކްޓްސް ޖޭވީ" ކިޔާ ޕާޓްނަރޝިޕަކަށް ރާއްޖޭގައި ބަދަލުކޮށް ރަޖިސްޓަރކޮށް އޭގެ ފަހުން ސަރުކާރުން އެ ކުންފުންޏަށް ނުވަތަ ޕާޓްނަރޝިޕާ މުޢާމަލާތު ކުރަން ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ފައިސާއެއް އިންޑިއާގެ އެގްޒިމް ބޭންކުން ދައުލަތަކަށް ނުލިބޭ ކަމަށާއި ނަމަވެސް 7 މަރޗް 2023 ސަރުކާރުން އެ ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދައްކާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކުންފުންޏަކީ ރާއްޖެއަށް ބޭރުން ފައިސާ ގެނެސް ޕޮލިސް ސްޓޭޝަންތައް 61 ރަށުގައި އަޅައިދޭ ނަމުގައި އައި ކުންފުންޏެއް ނަމަވެސް އެއްވެސް ޕޮލިސް ސްޓޭޝަނެއް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ހިނގާފައި ނުވާކަމަށެވެ. އަދި އިންޑިއާ އެގްޒިމް ބޭންކުން އެލޯން ފައިސާ ނުދޭން ނިންމި ވާހަކަ 13 އޭޕްރީލް 2023 ގައި އިންދްރާ ޕްރޮޖެކްޓްސް ކުންފުނިން ރާއްޖެއަށް އަންގާފައިވާ ކަމަށާއި، އޭގެ ފަހުން ޖޮއިންޓް ވެންޗަރވެސް ރޫޅިފައިވާކަން އަންގާފައިވާ ކަމަށެވެ.

މި 61 ޕޮލިސް ސްޓޭޝަން އެޅުމަށް ހިލޭ އެހީގެ ދަށުން 5 މިލިއަން ޑޮލަރު ދޭނެ ކަމަށް އިންޑިއާ ސަރުކާރުން 13 އޮގަސްޓް 2023 ގައި ރާއްޖެއަށް އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓްރީންވެސް މިކަން ފުލުހުންނަށް އަންގާފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. ކުރިން އެޑްވާންސަށް ދިވެހި ސަރުކާރުން ދިން ފައިސާއަކީ މި ލިބުނު ހިލޭއެހީގެ ދަށުން ލިބުނު ފައިސާކަމަށް ހަމަޖައްސާ ދިނުމަށާއި އެއިން ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަންވެސް އިންޑިއާއިން އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ އޭގެ ފަހުން ކުރެވުނު އެކިއެކި މުޢާމަލާތުގެ އަލީގައި މި ފައިސާއަށް ވީނުވީއެއް އަދި ސާފެއް ނުވާ ކަމަށާއި މިޕްރޮޖެކްޓްވެސް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ކަމަށެވެ.

"މިހާތަނަށްވެސް މިކުންފުނި ހުރި ތަނެއްވެސް ކުންފުންޏާ ވާހަކަދައްކަންޖެހޭ މީހެއްވެސް އެކުންފުނީގެ ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށްދާން ޖެހޭގޮތްވެސް އަދި ނުހޯދޭ. މިހާރުވާނީ ދިވެ ފުލުހުންގެ ޚިދުމަތަށް މިމައްސަލަ ތަޙްޤީގުކޮށް ބަލާދިނުމަށް އެދި ދަންނަވާފައި. ސަބަބަކީ ދައުލަތުގެ 50 މިލިއަން ރުފިޔާ ކޮންމެވެސް ކުންފުޏަކަށް ގޮސްސަ އެއަށް އަދި ވީނުވީއެއް ނޭނގޭތީ" ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

ވަޒީރު އަލީ އިޙްސާން ވިދާޅުވީ މި ޕޮލިސް ސްޓޭޝަންތައް އެޅޭނޭ އެއްވެސް މަގެއް ވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.