ރާއްޖޭގެ ބޮޑުބެރަށް އިންގިލާބެއް ގެނައުމުގައި ފަންނީ ދައުރެއް އަދާކުރި ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ގްރޫޕްތަކުގެ ތެރޭގެ އެންމެ ކުރީގައި ގުނާލެވޭ ބޮޑުބެރު ގްރޫޕެކެވެ. ބޮޑެތި ކުންފުނިތަކަކުން މި ގްރޫޕް ސްޕޮންސަރ ކުރުމުގެ އިތުރުން ރާއްޖޭގައި ބާއްވާ ބޮޑެތި އިވެންޓްތަކުގައި ހުށަހެޅުންތައް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބުމަކީ މި ގްރޫޕްގެ މަޤްބޫލްކަން އެނގިގެންދާކަމެކެވެ.
ގްރޫޕަށް ލިބެމުންދާ ކާމިޔާބީތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކާމިޔާބީ އަކީ އެ ގްރޫޕްގެ ރަސްމީ ފޭސްބުކް ޕޭޖް ފޭސްބުކުން ވެރިފައި ކުރުމެވެ. ދެލައްކަ ބާރަ ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވާ މި ޕޭޖަކީ ފޭސްބުކުން ވެރިފައިކުރި ރާއްޖޭގެ ފުރަތަމަ ބޮޑުބެރު ގްރޫޕެވެ.
ހަބޭސްގެ މާކެޓިންގ މެނޭޖަރ އެންޑް ޑިޒައިނަރ އަލީ މަމްދޫޙް ބުނީ ފޭސްބުކާ އެއްގޮތަށް އެގްރޫޕްގެ ޓްވިޓަރއާއި އިންސްޓަރ ގްރާމް އެކައުންޓްވެސް މި ހަފްތާގެތެރޭގައި ވެރިފައިކުރެވޭނެކަމަށެވެ. މިގޭއިތުރުން އެ ގްރޫޕަށް ހާއްސަކޮށްގެން އެޕްލިކޭޝަނެއް މިހާރު ތައްޔާރުކޮށްފައިވާކަމަށް މަމްދޫހް ބުންޏެވެ. އޭނާ ބުނީ ކުރިއަށްއޮތް ހަފްތާތެރޭގައި ޚާއްސަ ރަސްމިއްޔާތަކާއެކު މި އެޕްލިކޭޝަން ލޯންޗް ކުރެވޭނެކަމަށެވެ.
"މި އެޕްލިކޭޝަނަކީ ރާއްޖޭގައި މިހާތަނަށްނެރޭ އެންމެ ފޭންސް އިންޓްރެކްޓިވް އެޕްލިކޭޝަން. މި އެޕްގައި ހަބޭސް އާއި ބެހޭގޮތުން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބެންހުންނާނެ. އޭގެއިތުރުން ލަވަ ޑައުންލޯޑްކޮށް ވީޑިއޯލަވަ ބެލެންވެސް ހުންނާނެ. އަދި އިވެންޓެއް އޮންނަ ދުވަހަކު އެއިވެންޓަކަށް ސަބްސްކްރައިބް ކޮށްލުމުން އެއިވެންޓެއްގެ ނޮޓިފިކޭޝަން ލިބޭނެ. މިސާލަކަށް އިވެންޓް ލަސްވިޔަސް އެކަން އެސްއެމްއެސްގެ ޒަރިއްޔާއިން ފޯނަށް ނޮޓިފިކޭޝަން ލިބޭނެ". މަމްދޫޙް ބުންޏެވެ.
ހަބޭސްގެ މަސްޢޫލު ވެރިޔާ އަލީ ޝިފާއު ބުނީ ހަބޭސްގެ އެންމެ ބޮޑު ކާމިޔާބީއަކީ އެ ގްރޫޕްގެ ސަޕޯޓަރުން ކަމަށެވެ. މިއަހަރަކީ ހަބޭސްގެ އެންމެ ކާމިޔާބު އެއް އަހަރުގެ ގޮތުގައި ފާހަގަކުރަމުން އަލީ ޝިފާއު ބުނީ، އެ ގްރޫޕްގެ ދެވަނަ އަލްބަމް ނެރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.
"މި އަހަރަކީ މިހާތަނަށްވެސް ހަބޭސްއަށް ވަރަށް ކާމިޔާބު އަހަރެއް. އޭގެތެރޭގައި އެންމެބޮޑު ސްޕޮންސަރ އުރީދޫ މިިއޮތީ ހަބޭސްއާއި އެކު. ދެން އަޅުގަނޑުމެންގެ އެނާޖީ ޑްރިންކަކީ ރެޑްބުލް. ބޭނުން އިރަކު ލިބޭގޮތަށް ރެޑްބުލް އެބަހުރި. ދެން ހަބޭސްގެ ފޭސްބުކް ޕޭޖް ވެރިފައިވެ، ހަބޭސްގެ އެޕްލިކޭޝަން މިހާރު ނެރެން ތައްޔާރުވެފައިވަނީ. އަދި ހެބޭސްގެ ދެވަނަ އަލްބަމްގެ ރިކޯޑިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ގާތްގަނޑަކަށް ނުވަދިހަ ޕަސެންޓް މަސައްކަތް ނިމިފައި އިނީ. އިރާދަކުރެއްވިއްޔާ މި އަލްބަމްވެސް ވަރަށް އަހަވަށް ރިލީޒް ކުރާނަން." އަލީ ޝިފާއު ބުންޏެވެ.
ހަބޭސް ބޮޑުބެރު ގްރޫޕްގެ އިތުރުން ހަބޭސް ޕޮޕް ބޭންޑާއި ހަބޭސް މިއުޒިކް ސްޓޫޑިއޯއާއެކު "ހަބޭސް" މިހާރު މިވަނީ ރާއްޖޭގައި މަޝްހޫރު ބްރޭންޑަކަށް ވެފައެވެ.